Fri, 28 February, 2020, 5:40 pm
“މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުން ފާފައެއް ކަމުގައިވުމަށް ފުދެއެވެ”

މައުލޫޫމާތުތައް ކަށަވަރު ނުކޮށް، އަދި އޭގެ ތެދު ހަގީގަތް ނުބަލައި ހަބަރުތައް ފެތުރުމުގެ ނުބައިކަމުން ދުރުހެލިވާން މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

“ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސަބަބުތަކުގައި ހިފުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވަނީ، އެއްބައްރުން އަނެއް ބައްރު ކަޑައްތުކޮށް ހަލުވި މިނުގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ނަސޭހަތްތެރިވެފައެވެ.

އެގޮތުން މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުން ދާއިރު، ހަބަރު ފަތުރާ ފަރާތްތަކުން ތެދު މައުލޫމާތު ފެތުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް ލިބޭ މައުލޫމާތުތައް ކަށަވަރު ނުކޮށް، އަދި އޭގެ ތެދު ހަގީގަތް ނުބަަލައި އަވަސް އަރުވާލައިގެން ހަބަރުތައް ފެތުރުމުގެ ނުބައިކަމުން ދުރުހެލިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ބައެއް ފަހަރު ހަގީގަތެއް ނެތް އެފަދަ ހަބަރުތައް ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، މުޖުތަމައުގައި ބޮޑެތި ފިތުނަތައް އުފެދެން މަގުފަހިވާ ކަމަށެވެ.

އެހެންކަމުން ހަބަރުތައް ފަތުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންޖެހޭނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ފޯރުކޮށްދޭ ސައްހަ މައުލޫމާތުތައް އުނިއުތުރު ކުރުމަކާ ނުލައި ރައްޔިތުންނަށް ހަމައަށް ގެނެސްދިނުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި އިވޭ ކޮންމެ ވާހަކައެއް ފެތުރުމުގެ ނުބައިކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުން ފާފައެއް ކަމުގައިވުމަށް ފުދެއެވެ.”

ހުތުބާގައި އިތުރަށް ވިދާޅުވީީ، އަދުގެ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އެބައިމީހުން އަމިއްލައަށް ކޮށްފައިވާ ކަންކަމުެ ސަބަބުން ކަމަށާއި ފިތުރީ ގޮތުން ހާލިގުވަންތަ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިޒާމުން އެއްކިބާވެ، ހައްދު ފަހަނައަޅައި، ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އަދި އެފަދަ ހާލަތަކަށް އިންސާނުން ހިނގައްޖެނަމަ، ކުރީގެ އުންމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބަޔެއްގެ ތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަބާ އާއި މުސީބާތް ބައެއްފަހަރު އުގޫބާތެއްގެ ގޮތުގައި މެދުވެރިވާއިރު އިމްތިހާނެއްގެ ގޮތުގައި ވެސް މެދުވެރިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެއީ ކެތްތެރި މުއުމިން އަޅުތަކުންގެ ނަފްސުތައް ތާހިރުވެ، އެއުރެންގެ ދަރަޖަ އުފުލިގެން ދިއުމަށް ކަމަށެވެ.

އަދި ކިތަންމެ ނުރައްކާތެރި ބައްޔެކަމުގައި ވިޔަސް ފަރުވާއެއްވާ ކަމަށާއި އެހެންކަމުން ބަލިބަލިން ރައްކާތެރިވެ ފަރުވާ ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ އިންސާނުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި ﷲ އިރާދަކުރެއްވި އަޅަކަށް މެނުވީ ބަލިމަޑުކަމެއް މެދުވެރިނުވާނެކަން ހިތުގެ އަޑިން ގަބޫލުކުރުމާއެކު ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފުރިހަމަ ގޮތުގައި ﷲ އަށް ވަކީލުކުރުން ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީީ، މުސީބާތްތަކުން ސަލާމަތް ވެވޭނީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެންމެން އެކަތިގަނޑަކަށްވެ، އެއްބާރުލުން ދީގެން ކަމަށާއި އަދި ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ސަބަބުތަކުގައި ހިފައިގެން ކަމަށެވެ. އަދި ނުބައި އަމަލުތަކުން ދުރުވެ، ތައުބާވެ، ހައްގުގެ މަގަށް ރުޖޫއަވެގެން ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން ދުއާކުރުމާއި ޒިކުރު ކުރުމާއި އިސްތިއުރާފުކުރުން ފަދަ ހެޔޮއަމަލުތައް ކުރުމުގައި ދެމިތިބެގެން ކަމަށާއި އެގޮތުން ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ މަތީގައި ދެމިހުރުމަކީ މުއުމިން އަޅާއަށް ލިބޭ ވަރަށް ބޮޑު ރައްކާޓެރިކަމެއް ކަމަކާއި ނުރައްކާތެރި ވަބާތަކުން ސަލާމަތްވުމަށް އޮތް ވަރުގަދަ އައްޑަނައެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.