Tue, 7 April, 2020, 5:52 pm
އިހުލާސްތެރިކަމާއެކު މައިންބަފައިން ދަރިންނަށްކުރާ ދުއާއަކީ އިޖާބަވެވޭ ދުއާއެކެވެ.

ދަރީންނަކީ މާތްﷲ މައިންބަފައިންނާއި ހަވާލުކުރައްވާފައިވާ ވަރަށް މަތިވެރި އަމާނާތެކެވެ. އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. އެކުދިން ހެޔޮ މަގުން އެއްކިބާވުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ބަޔަކީ ވެސް މައިންބަފައިންނެވެ.

އެހެނީ ކޮންމެ ކުއްޖެއްގެ ވެސް ދުނިޔެއަށް އުފަންވަނީ ކުށެއްނެތް މައުސޫމު ދަރިއެއްގެ ގޮތުގައެވެ. އެއަށްފަހު އެކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެން ދަނީ މައިންބަފައިން އެކުއްޖާ ގެންގުޅޭ ގޮތެއްގެ މައްޗަށެވެ. އުޅުމާއި ގުޅުމާއި އަހުލާގާއި ސުލޫކު ބިނާ ވަނީ މައިންބަފައިން ދޭ ތަރުބިއްޔަތެއްގެ މައްޗަށެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ އަދި ބޮޑު މަސްއޫލިއްޔަތު އުފުލަމުންދާއިރރު މައިންބަފައިން ހަނދާން ނައްތާލައިގެން ނުވާނެ ވަރަށް މުހިންމު ކަމެއްވެއެވެ. އެއީ އެ ދަރިންނަށް ހެޔޮ ދުއާ ކޮށްދިނުމުގައި ދެމިތިބުމެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ނަބީ ބޭކަލުން ކުރެއްވި ދުއާތައް ވާރިދުވެފައިވާއިރު އެބޭކަލުން ދަރިންނާއި ދަރިފަސްކޮޅަށް ހެޔޮ ދުއާ ކުރެއްވި ކަމީ މިކަުގެ މުހިންމުކަން ހާމަވެގެންދާ ކަމެކެވެ.

އެގޮތުން އިހުލާސްތެރިކަމާއެކު މައިންބަފައިން ދަރިންނަށްކުރާ ދުއާއަކީ އިޖާބަވެވޭ ދުއާއެކެވެ. ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އެ ދުއާ ތަކުގައި އެއްވެސް ޝައްކެއް ނުވާ، އިޖާބަ ވެވިގެންވާ ތިން ދުއާއެއް ވެއެވެ. އެއީ އަނިޔާލިބިގެންވާ މީހާގެ ދުއާ އާއި ދަތުރުވެރިޔާގެ ދުއާ އާއި މައިންބަފައިން ދަރިފުޅުގެ މައްޗަށް ކުރާ ދުއާއެވެ.”

މިހެންވެ ދަރިފުޅުދެކެ ކިތަންމެ ހިތްހަމަ ނުޖެހުނަސް އެ ދަރިފުޅަށް ބަދު ދުއާ ނުކުރުމަށްަ މައިންބަފައިން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި އެކަން ކުރުން ނަހީކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށާއި ތިޔަބައިމީހުންގެ ދަރިންގެ މައްޗަށާޢި އަދި ތިޔަބައިމީހުންގެ މުދާތަކުގެ މައްޗަށް ތިޔަބައިމީހުން ބަދު ދުއާ ނުކުރާހުށިކަމެވެ،!”

Leave a comment

Your email address will not be published.