Tue, 7 April, 2020, 7:05 pm
ޒަކާތަށް އިހުމާލުވުމަކީ މުދާތަކުގެ ބަރަކާތް ނެތި، ވަބާއެއްކަމުގައި ވެދާނެ ކަމެއް: ހުތުބާ

މުދަލު ޒަކާތަށް އިހުމާލުވުމަކީ މުދަލަތުގެ ބަރަކާތް ނެތި އެމުދަލަކި ވަބާއެއްކަމުގައި ވެދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“އިސްލާމްދީނުގައި ޒަކާތުގެ މަންޒިލާއި މަގާމު” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް އޮންނަ އެއްޗެއް ކަމަށާއި ނަަމަވެސް މުދަލަށް ލޯބިކުރުމުގައި މުހިންމު ތިން ކަމެއް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

އެންމެ ފުރަތަމަ ކަމަކީ މުދަލަކީ ﷲގެ މިލްކެއް ކަމާއި އެމުދަލަކީ އިންސާނުންގެ މިލްކުވެރިކަމުގައި ލެއްވިގެންވާ، މަތިވެރި އަމާނާތެއް ކަމެވެ. އަދި އެ މުދަލަކީ އެއިލާހުގެ ހައްގެއް ކަމާއި އެމުދަލުގެ ހައްގުވެރި ބަޔަކުވާކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހަނދާން ބަހައްޓަން ޖެހޭނީ މުދާ ހޯދަން ޖެހޭނީ ﷲ ހުއްދަކުރެއްވި އިންތަކާއި މިންތަކުގެ ތެރޭގައިކަން ދެނެގަތުމެވެ. ތިން ވަނަ ކަމަކީ މުދާ ހޭދަކުރަން ޖެހޭނީ ވެސް ﷲ ބަޔާން ކުރައްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައިކަން ދެނެގަތުމެވެ.

ހުތުބާގައި ވިދާޅުވީ، އިސްލާމްދީނުގެ ފަސް ރުކުނަކީ އެއާމެދު ހާއްސަ ސަމާލުކަމެއްދީ، ފަރުވާތެރިކަމާއެކު އަދާކުރަންޖެހޭ ރުކުނެއް ކަމަށެވެ. ނަމަވެސް އެރުކުންތަކުގެ ތެރެއިން ޒަކާތަކީ އެ އަޅުކަން އަދާކުރުމުގައި ބައެއް މުސްލިމުން ފަރުވާކުޑަކުރަމުންދާ ނުވަތަ ފަސްޖެހޭ އަޅުކަމެއްކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

ޒަކާތް ގުޅިފައިވަނީ މުދަލާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ މުދަލަކީ ބައެއް ފަހަރު ޒީނަތެއް ކަމަށާއި އަނެއްބައި ފަހަރު އެއީ ނުރައްކާތެރި ފިތުނައަކާއި ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ. އަދި ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި، ޒަކާތް ނެރެ، ސަދަގާތްދީ ހަދާނަމަ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ހުތުބާގައި ވަނީ ﷲ ދެއްވި އަދި ދެއްވަމުންގެންދަވާ މުދަލަށާއި ގިނަގުނަ ރިޒްގަށް ޝުކުރުވެރިވުމަށްޓަކައި މުދަލަތުގެ ޒަކާތް ނެރުން ފަސްނުކުރުމަށާއި ޒިންމާ އަދާކުރެއްވުމަށް ގޮވާލައިފައެވެ. އަދި ވިދާޅުވީ، ޒަކާތަކީ މުދަލަށް ތާހިރުކަމާއި އިތުރުވުން ގެނުވައިދޭ އަޅުކަމެއް ކަމަށާއި އުނިކަމާއި ފަސާދައިން މުދާ ރައްކާތެރިކޮށް ސަލާމަތް ކޮށްދޭ އަމަލެއް ކަމަށެވެ.

ނަމަވެސް މުދަލު ޒަކާތަށް އިހުމާލުވުމަކީ ދުނިޔެއާއި އާހިރަތުގައި ތިބޭގެ ހަލާކުކަމުގައި ވެދާނެ ކަމަށާއި މުދަލަތުގެ ބަރަކާތް ނެތި، އެމުދަލަކީ ވަބާއެއްކަމުގައި ވެދާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ޒަކާތް ދެއްކުމަކީ އާދައިގެ ކަމެއްކަމުގައި ހީކޮށްގެން ނުވާނެ ކަމަށާއި އެއީ އެކަމަށް އިންކާރުކޮށްފި މީހެއްގެ އިސްލާމްކަން ނެތިގެންދާ ފަދަ ކަމެއް ކަމަށެވެ. އަދި މިއުއްމަތުގެ ފުރަތަމަ ހަލީފާ އަބޫބަކުރުއްސިއްދީގު ރަޟިއަﷲ އަންހުގެ ޒަމާނުގައި ޒަކާތް ނެރުމުން މަނާވެގަތް މީސްތަކުންނާ އެކަލޭގެފާނު ހަނގުރާމަކުރެއްވުމަކީ ޒަކާތުގެ މުހިންމުކަން ހާމަވެގެންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.