Tue, 7 April, 2020, 5:26 pm
އަނބިދަރީންނަށް ހެޔޮކޮށް ހިތުމަކީ ހެޔޮކަންބޮޑު ވެގެންވާ އަޅުކަމެއް ފަދަ ކަމެއް: ހުތުބާ

އަނބިދަރީންނަށް ހެޔޮކޮށް ކަންތައްކުރުމަކީ ހެޔޮކަންބޮޑުވެގެންވާ އަޅުކަމެއް ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“މުޖުތަމައުއެއް ބިނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ހަރުދަނާ ގޮތެއްގައި ޒަވާޖީ ހަޔާތެއް ބިނާކުރުމަށްޓަކައި ރަނގަޅު ބައިވެރިއަކު އިހްތިޔާރުކުރަން ޖެހޭ ކަމަށާއި އެގޮތުން ހަޔާތުގެ ބައިވެރިއާ އިހްތިޔާރުކުރުމުގައި ބަލަންވީ ކަންތައްތަކުގެ އިރުޝާދު ކީރިތި ރަސޫލާ މިއުއްމަތަށް ދެއްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ކައިވެނިކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް އާއްމުކޮށް މީހުން ބަލައި އުޅެއެވެ. އެއީ، އޭނާގެ ފައިސާވެރިކަމަށާއި، އޭނާގެ ހަސަބާއި ނަސަބަށާއި، އޭނާގެ ރީތިކަމަށާއި، އޭނާގެ ދީންވެރިކަމަށެވެ. ފަހެ ދީންވެރި އަންހެނެއް ލިބިގަތުމުގެ ނަސީބު ހޯދާށެވެ! ހުރިހާ ހެވެއް އޮތީ އެގޮތުގައެވެ.”

އަދިވެސް އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ދުނިޔެއަކީ ހިތްހަމަޖެހުން ހާސިލުކުރުމުގެ ތަނެކެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސޯލިހު އަންހެނެކެވެ.”

ހުތުބާގައި ވިދާޅުވީ، މިފަދައިން އަންހެނަކު ކާވެނިކުރާއިރު ވެސް އިސްކަންދޭންވާނީ ދީންވެރި ސޯލިހު ފިރިހެނަކު އިހްތިޔާރު ކުރުމަށް ކަމަށާއި އެއީ އޭނާގެ ޒަވާޖީ ހަޔާތް ދެމިއޮތުމަށް ބާރުއަޅާ ސަބަބެއް ކަމާށެވެ. އަދި ހެޔޮލަފާ ސޯލިހު ފިރިއެއް ލިބުމަކީ ދުނިޔެމަތީގައި އަންހެނަކަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އާއިލީ ލޯތްބާއި ކުލުނާއި އޯގާވެރިކަން ދެމި އޮތުމަކީ ހަރުދަނާ އާއިލާއެއްގެ އެންމެ މުހިންމު އެއް ރުކުންކަން ފާހަގަކުރައްވާ ހުތުބާގައި އިތުރަށް ވިދާޅުވީ، އަނބިދަރީންނަށް ހެޔޮކޮށް ކަންތައްކުރުމަކީ ހެޔޮކަންބޮޑުވެގެންވާ އަޅުކަމެއް ފަދަ ކަމެއް ކަމަށެވެ.

އަދި އެފަދަ އާއިލާއެއްގެ ތެރޭގައި އުފެދޭނީ ހެޔޮލަފާ ސޯލިހު ދަރިފަސްކޮޅެއް ކަމަށާއި ކޮންމެ އާއިލާއަކުން އެފަދަ ހެޔޮލަފާ ދަރިންތަކެއް ކަމުގައި ވެއްޖެނަމަ މުޖުތަމައު އޮންނާނީ ސޯލިހު މުއުމިނު ފަރުދުންތަކެއްގެ މައްޗަށް އެކުލެވޭ ހެޔޮ މުޖުތަމައެއްގެ ގޮތުގައި އަމާންކަމާއި ހަމަޖެހުމާއެކުގައި ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ހެޔޮލަފާ އާއިލާއެއްގެ މައިބަދައަކީ މަންމަ އާއި ބައްޕަ ކަމަށާއި މައިންބަފައިން ރަނގަޅު ވެގެން މެނުވީ ދަރިން ރަނގަޅެއް ނުވާނެ ކަމަށެވެ. އަދި ދަރިން ހެޔޮގޮތުގައި އުޅުމުގެ ސިއްރަކީ އެ ދަރިންގެ މައިންބަފައިން އުޅެމުން އަންނަ ގޮތުގެ ހެޔޮލަފާކަން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން މައިންބަފައިން ކުރާ ހެޔޮ އަމަލުތަކުގެ ހެޔޮ އަސަރު ދަރިންނަށް ކުރާ ފަދައިން ނުބައި އަމަލުތަކުގެ ނުބައި އަސަރު ވެސް ދަރިންނަށް ކުރާނެކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ކިތަންމެ ސިއްރުން ކުރިކަމުގައި ވިޔަސް މައިންބަފައިންނަށް ކުރެވޭ ފާފަތަކަކީ ވެސް އޭގެ ސުންޕާކަން ދަރިންނަށް ފޯރަފާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށްޓަކައި އެންމެހާ ފާފަތަކުން ދުރުވާންޖެހޭ ކަމަށާއި އެގޮތުން މައިންބަފައިން ދަރިން ބޮޑުކުރުމަށްޓަކައި ހޯދާ މުދަލާމެދު ވެސް ސަމާލުވާންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ދަރިންނަކީ ކިޔަމަންތެރި ހެޔޮލަފާ ދަރިންތަކަކަށް ވާނީ މައިންބަފައިން ރިވެތި ނަމޫނާ ދައްކައިގެން ކަމަށެވެ.

އެގޮތުން މަންމަ އާއި ބައްޕަ ފަސްނަމާދުކޮށް، ދީނީ އެހެނިހެން ވާޖިބުތަކަށް ރައްކާތެރިވާނަމަ، އެ ދެމީހުންގެ ކިބައިން ދަރިން ލިބިގަންނާނީ ހަމަ އެފަދަ ނަމޫނާއެއް ކަމަށާއި ހަމަ އެގޮތަށް މަންމަ އާއި ބައްޕަ ގޭތެރޭގައި ރިވެތި އަހުލާގު ދައްކައި މާތް ބަހުރުވައިން ވާހަކަ ދައްކާނަމަ، ދަރިންގެ ކިބައިން ފެނިގެންދާނީ އެ މާތް އަހުލާގާއި ރީވި އާދަތައް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ވަރަށް ގިނަ މައިންބަފައިން އެމީހުންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށް ބޮޑެތި ހޭދަތައް ކުރި ނަމަވެސް އެ މައިންބަފައިްނގެ އުޅުމާއި ގުޅުން އިސްލާހު ނުކުރުމުން، އޭގެ ނުބައި އަސަރު ދަރިންނަށް ކުރާކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.