Thu, 28 May, 2020, 12:33 pm
މި ތިބެވެނީ މަރުގެ ތުންފަތް މަތީގައި، މިވަގުތުކޮޅުގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ
34

އަހަރެމެން އެންމެން މި ތިބެނީ މަރުގެ ތުންފަތް މަތީގައި ކަމަށާއި އެހެންކަމުން ދިރިހުރުމާއި މަރާ ދެމެދު މިއޮތް ވަގުތުކޮޅުގެ ތެރޭގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“އެއްކައުވަންތަކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމް ދީނުގެ އެންމެ މަތިވެރި އަސާސަކީ ﷲ ތައާލާ އެއްކައުވަންތަ ކުރުން ކަމަށާއި ހައްގު ގޮތުގައި އިހުލާސްތެރިކަމާއެކު ޝިރުކުން އެއްކިބާވެ، އެކަމުން މުޅިން ބަރީއަވުން ކަމަށެވެ. އަދި އެއީ އެ މަގްސަދަކަށްޓަކާ އިންސާނުން ދުނިޔެއަށް ފޮނުއްވިގެންވާ މަގުސަދު ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ މީހަކީ ވެސް ގަދަކީރިތިވަންތަ ﷲ ތައާލާގެ އަޅެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ކޮންމެ މީހަކަށް ފެށުމެއް ވީފަދައިން، ނިމުމެއް ވެސް އޮންނާނެ ކަމަށާއި އެ ނިމުމާ ބައްދަލުވާނެ ކަމަށެވެ.

އެގޮތުން ދިރިހުރިހައި ހިނދަކު އަމަލުކުރުމުގެ ފުރުސަތު ލިބިފައިވާ ފަދައިން އަހަރެމެން އެންމެން، މި ތިބެނީ މަރުގެ ތުންފަތް މަތީގައި ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ދިރިހުރުމާއި މަރާ ދެމެދު މިއޮތް ވަގުތުކޮޅުގެ ތެރޭގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ ކަމަށާއި ބޭނުންހައި މަގެއް ހިޔާރުކޮށްގެން ވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނީ ﷲ ތައާލާގެ ރުއްސެވުމާއި ފުއްސެވުން ހާސިލު ކުރުމަށް ކަމަށާއި މިއީ އިމްތިހާނުގެ ހަޔާތެއްކަން ދަނެ، އަމަލުތައް ސީދާ ކުރުމަށް ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، މުސީބާތާއި ކާރިސާތަކުގައި ވެސް މުއުމިނު އަޅުގެން އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ ތައާލާ އެއްކައުވަންތަކޮށް، އެކަލާނގެ ހަޒްރަތުން ވާތްގަށް އެދި ދެންނެވުން ކަމަށެވެ. އަދި އެއިލާހުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވެ، ކޮންމެ ހާލަތެއް މެދުވެރިވިނަމަވެސް އެ ހާލަތަކަށް ކެތްތެރިވުން ކަމަށާއި ސަބަބުތަކުގައި ހިފައި ހައްގު ގޮތުގައި ﷲ އަށް ވަކީލު ކުރުން ކަމަށެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ހައްގު ގޮތުގައި ﷲ ތައާލާ އެއްކައުވަންތަ ކުރުމަކީ ނަރަކައިން މިންޖުވެ، ސުވަރުގެ ހާސިލުވާނޭ ސަބަބެއް ކަމަށާއި އަދި ﷲ އެއްކައުވަންތަކޮށް، ޝިރްކުގެ އެންމެހައި ކަންކަމުން ދުރުހެލިވުމަކީ ދުނިޔޭގައި ވެސް އާހިރަތުގައި ވެސް އަމާންކަން ލިބުމުގެ ނާރެހެއް ކަމަށެވެ.

Leave a comment

Your email address will not be published.