Thu, 28 May, 2020, 11:27 am
ރޯދަމަހު ހެޔޮ އަމަލުކުރި ފަދައިން އެމަހަށްފަހު ވެސް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ގޮވާލައިފި
4

ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމަކަށް ވާތީ، އެ މަހުގައި ސޯލިހު އަމަލު ކުރުމަށް ޝައުގުވެރިވީ ފަދައިން، ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

“ރަމަޟާންމަހަށް ފަހު ހެޔޮއަމަލުކުރުންމަތި ދެމި ތިބުން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މުސްލިމުންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހު އަޅުކަމުގައި ވަރަށް ހީވާގި ބައެއް ކަމަށާއި އެގޮތުން ރަމަޟާން މަހު ނިކަމެތީންނަށް ހޭދަ ކުރުމާއި ގިނައިން ފަރުޟު ނަމާދު އަދާކުރުމާއި ތަރާވީހު ނަމާދާއި ދަމު ނަމާދު ވެސް ކުރާ ކަމަށެވެ.

ނަމަވެސް އީދު ނަމާދާއެކު އެޅުކަމަށް އަލްވަދާއު ކިޔާ، ނަމާދާއި ﷲގެ މަގުގައި ހޭދަކުރުމާއި ޒިކުރު ކުރުން ފަދަ އަޅުކަންތައް ހުއްޓާލާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ، އަޅުކަން ކުރަން ޖެހޭނީ ރަމަޟާން މަހުގެ ވެރި ﷲ އަށް ކަމަށާއި އަހަރެމެން ހައްދަވައި، ރިޒުގު ދެއްވައި، ފުރިހަމަ ސިއްހަތާއި އާފިޔަތުގައި ގެންގުޅުއްވަނީ އެކަލާނގެ ކަމަށެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ރަމަޟާން މަހު ﷲ ތައާލާގެ ވަޖްހުފުޅު އަދައިގެން ހެޔޮ ގޮތުގައި ރޯދަ ހިފައި، ރޭއަޅުކަން ކޮށް، ހެޔޮ އަމަލުތައް ކޮށް އުޅޭ މީހާވެސް އެކަންތައްތަކާ މެދު ބޮޑާވެ ނުގަންނަ ހުރި ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ އަމަލުތައް ﷲ ގަބޫލު ކުރައްވާތޯ ދުވާ ދެންނެވުމަށް ނަސޭހަތްތެރިވިއެވެ. އަދި މުޅި އަހަރުގައި ތިބާއަށް ބޭނުން ކުރެވިދާނެ ރޫހާނީ ހަކަތައެއް ރަމަޟާން މަހުން އުފައްދައިދީފައިވާއިރު އެ ހަކަތައިގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވެސް ހުތުބާގައި ގޮވާލެއްވިއެވެ.

ހުތުބާގައި ވިދާޅުވީ، ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމަކަށް ވާތީ، އެ މަހުގައި ސޯލިހު އަމަލު ކުރުމަށް ޝައުގުވެރިވީ ފަދައިން، ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަކީ މުއުމިނުންގެ ސިފައެއް ކަމަށެވެ.

“ތިޔަބައިމީހުން ﷲގެ މަގުގައި ސާބިތުވެ ތިބޭށެވެ! ރަމަޟާން މަހަށް ފަހުގައި ވެސް ކިޔަމަންތެރިކަމުގައި ދެމިތިބުމުގެ ތައުފީގު ލިބުމަކީ ﷲ ތައާލާ އަޅަމެންގެ ހެޔޮ އަމަލުތައް ގަބޫލުކުރެއްވިކަމުގެ އަލާމާތްތަކުގެ ތެރެއިންވާ ކަމަކެވެ،” ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ﷲގެ އަޅަކަށް ލިބޭނެ އެންމެ ފުރިހަމަ ނިއުމަތަކީ އޭނާގެ އަގީދާ އާއި ބަހާއި އަމަލުން އިސްލާމް ދީނުގައި ހިފެހެއްޓުން ކަމަށާއި އެފަދަ މީހުންނަށް ﷲ ނިއުމަތްތައް ދެއްވާހުށި ކަމަށެވެ.

Leave a comment

Your email address will not be published.