Thu, 28 May, 2020, 5:30 pm
މައިންބަފައިންގެ ހައްގަކީ ބޮޑު ހައްގެއް، ރަހިމުގެ ގުޅުން ދަމަހައްޓާ މީހަކަށް ރަހުމަތް ލައްވާނެ
6

މައިންބަފައިންގެ ހައްގަކީ ބޮޑުވެގެންވާ ހައްގެއް ކަމަށާއި އަދި ރަހިމުގެ ގުޅުންތައް ދަމަހައްޓާ މީހާއަށް މާތް ﷲ ރަހުމަތް ލައްވާނެ ކަމަށް މިއަދުގެ ފިތުރު އީދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

ހުތުބާގައި ވިދާޅުވީ، ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވެ، ކޮންމެ މީހަކު ވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަދާކުރަންވީ ﷲ ގެ ހައްގުތައް ކަމަށާއި އެހެނީ މާތް ﷲ ޖިންނީންނާއި އިންސީން ހެއްދެވީ އެކަލާނގެ އަށް އަޅުކަން ކުރުމަށް ކަމަށެވެ.

އެއަށްފަހު އަދާކުރަންވީ މައިންބަފައިންގެ ހައްގުތައް ކަމަށާއި އެއީ ބޮޑުވެގެންވާ ހައްގެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެގޮތުން މާތް ﷲގެ ހައްގުތައް އަދާކުރުމަށް އެންގި ބަސްފުޅާ ވިދިގެން އެކަލާނގެ އަންގަވަނީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި ރަހިމުގެ ގުޅުންތައް ދަމަހައްޓާ މީހާއަށް މާތް ﷲ ރަހުމަތް ލައްވާނެ ކަމަށާއި އެމީހުން މި ގުޅުން ކެނޑިކަމުގައި ވިޔަސް ތިބޭ އެ ގުޅުން ކަނޑައިނުލުމަށް ނަސޭހަތްތެރިވިއެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ރަހިމުގެ ގުޅުން ދަމަހައްޓާ މީހާއަކީ އޭނާއަށް ދޭ އެއްޗަކަށް އެއްޗެއް ދޭ މީހާއެއް ނޫނެވެ. އެކަމަކު ގުޅުން ދަމަހައްޓާ މީހާއަކީ އޭނާއާ ގުޅުން ކެނޑިޔަސް އެ ގުޅުން ނުކަނޑައި ދަމަހައްޓާ މީހާއެވެ.”

އެހެންކަމުން އީދު ދުވަހު އަރަމުންދާ އިރުގެ އުޖާލާކަމާއެކު މޫނުމަތިން ވެސް އުފާވެރިކަން ފާޅުކުރުމަށާއި ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތަކުން އެކަކު އަނެކަކަށް ހަދިޔާކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ރަހިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެ ގުޅުން އާކޮށް، ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށް ގޮވާލެއްވިއެވެ.

އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހްތިފާލު ތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ތަނަވަސްކަމުގެ އަހުލުވެރިން ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެމީހުން ބައިވެރި ކުރުވަން ޖެހޭނެ ކަމަށެވެ.

އެގޮތުން އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާކުރުމަށް އަންގަވާފައިވަނީ އެހެން ވެގެން ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ބައެއް މީހުން ރަމަޟާން މަހުގައި ﷲގެ ހަޟްރަތަށް ކުއްތަންވެވޭތޯ މަސައްކަތް ކުރާ ކަމަށާއި އެގޮތުން ނަމާދުކޮށް، ރޭއަޅުކަން ކޮށް، ރޯދަ ހިފާ ކަމަށެވެ. ނަމަވެސް ރަމަޟާން މަސް ނިމުމުން ނަމާދު ކުރަން ހަނދާންނެތި ﷲ އާ އެމީހުންނާ ދެމެދުގައިވާ ވައުފަށް ކަނޑާލާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މެދުގައި ހުރިހާ ބާވަތެއްގެ އަމާންކަމާއި ފުދުންތެރިކަން އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ ގައުމުގެ ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. އެގޮތުން އަމާންކަމެއް ނެތް ތަނެއްގައި އެއްވެސް ހަމަޖެހުމެއް ނޯންނާނެ ކަމަށާއި އެހެންކަމުން ރައްޔިތުންގެ އަމާންކަމަށް ބުރޫއަރައިފާނެ ކަމެއް އެކަކުވެސް ކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެންގެ ވާޖިބެއް ކަމަށާއި ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމާއި ތަނަވަސްކަމެއް ބޭނުންކޮށްގެން އަމާންކަން ދަމަހައްޓަން މަސައްކަތް ކުރަންވާނެ ކަމަށެވެ.

Leave a comment

Your email address will not be published.