Thu, 28 May, 2020, 9:28 am
އަތޮޅުވެރިންނަށްވެސް ހިއްޕޭނީ ވަލުގައެވެ.
5

ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ގޮތުގައި މަސައްކަތްނުކުރާ ކަމުގެ އަޑަށް އަޅުގަނޑުމެންގެ ކަންފަތްތައް ފަރިތައެވެ. ކުޑައެއް ބޮޑެއް ނެތި އެވާހަކަ އެމަގުން ނުދައްކާ އެކަކު ނެތެވެ. ދައުލަތުގެ މުއައްސަސާތައް ހިންގަންތިބި މީހުންވެސް ދައްކަނީ ހަމަ އެވާހަކައެވެ. ރާގުގައި ކުޑަ ތަފާތުތަކެއް ހުއްޓަސް ކިޔަނީ އެއް ލަވައެކެވެ.

ދައުލަތުގެ ކަންކަން އިންތިޒާމު ކުރެވިފައި އޮތީ ޤާނޫނުއަސާސީއޭ ކިޔުނު ލިޔުމުގެ މައްޗަށެވެ. އެ ފޮތުގައި ދައުލަތުގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އެކަށައެޅީ މައިގަނޑު ތިން ކަމެކެވެ. އެއީ ދައުލަތުގައި ހިމެނޭ އަފްރާދުންގެ ތެރެއިން އަމުރުވެރިކަން ހިންގާނޭ ބަޔަކު އެކަށައެޅުމާއި، އިސްތިސްނާއެއްނެތި ހުރިހާ އެންމެން އަމަލުކުރަންޖެހޭނޭ ގޮތް ބުނެދޭނޭ ބަޔަކު އެކަށައެޅުމާއި، މި ބުނެވުނު ދެ ބާރުގެ ޢަމަލުތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ އަރައިރުންތަކަށް ނިޔާ ކަނޑައަޅާނޭ ބަޔަކު އެކަށައެޅުމެވެ. އާދެ ވެރިކަން ކުރާނޭ ބާރަކާއި، ޤާނޫނު ހަދާނޭ ބާރަކާއި، ނިޔާ ކަނޑައަޅާނޭ ބާރެއް އެކަށައެޅުމެވެ. ޤާނޫނުއަސާސީ އެއޮތީ އެކަންކަން ތަރުތީބުކޮށްދީފައެވެ. އެ ހިސާބުން ކަންކަމެއް ނުނިމެއެވެ. އެ ބާރުތަކުގެ މަސައްކަތްތަކަށް ފާރަވެރިވާ މިނިވަން މުއައްސަސާތަކެއް އެބަ ހުންނަންޖެހެއެވެ. ފަސާދަ ބަލާނޭ ބަޔަކާއި، އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގެ އިސް ބަޔަކާއި، ނިޔާ ކަނޑައަޅާ މީހުންގެ ޢަމަލުތަކަށް ފާރަވެރިވާނޭ ބަޔެކެވެ. އަޅުގަނޑުމެން މިކިޔާ މިނިވަން މުސްތަޤިއްލު މުއައްސަސާތަކެވެ. މިއީ ސަރުކާރަށް ކޮންޓްރޯލެއް ނެތް، ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އާދެ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ދައުލަތުގެ އިދާރާތެކެކެވެ.

މި ދެންނެވި މިނިވަން މުއްސަސާތަކުގެ ޒިންމާތަކާއި، ވާޖިބުތައް ޤާނޫނުއަސާސީގައިއާއި، ޤާނޫނުތަކުގައި އޮންނަނީ ބުނެދީފައެވެ. އެ ޒިންމާތައް އަދާކުރުމުގެ ބާރުވެސް އޮންނަނީ ދީފައެވެ. އޭގެ އިތުރުން އެ ޒިންމާތަކާއި ޙަވާލުވާ މީހުން، ވަކި އަތަކަށް ނުޖެހި އެބައިމީހުންގެ މުސްތަޤިއްލު ރައުޔުގެ މައްޗަށް ކަންކަން ނިންމާނޭކަމުގެ ހުވައެއް ކުރުންވެސް ޤާނޫނުއަސާސީ ލާޒިމުކުރެއެވެ. އެ ގޮތަށް ޢަމަލު ނުކޮށްފިނަމަ ހެދޭނޭ ގޮތްވެސް ޤާނޫނުއަސާސީގައި އޮންނަނީ ބުނެދީފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއާ ބެހޭ ކަމެއްގައި އެ އިދާރާއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ. އެމަޖިލީހުގައި އޮންނަ މިނިވަން މުއްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަންގެ މެންބަރުން ހާޒިރުކުރެވިދާނެއެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރެވޭނެއެވެ. އެ އިދާރާ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރަނީ އެ އިދާރާ ހިންގުމަށް މަތިކުރެވުނު އިންސާނުންގެ ނާޤާބިލުކަމުން ކަމަށް ފެންނަނަމަ މަޤާމުންވެސްވަކިކުރެވޭނެއެވެ. އެއަށްވުރެ ރަނގަޅު ބަޔަކު ހޯދަން އިޢުލާނުކޮށް އެކަން ކުރެވޭނޭ ބަޔަކު މަސައްކަތަށް އިސްކުރަންވީއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް ޤާނޫނީ ބާރު ލިބިދީފައި އޮންނަނީ ފުޅާ ދާއިރާއެއްގައެވެ. ތަޙުޤީޤުކުރުމަށް ބަލާފާސްކުރުމާއި، މުދާ ހިފެހެއްޓުމާއި، ވަގުތީ ގޮތުން ކަންކަން މަޑުޖައްސާލަން އަމުރުކުރުންފަދަ މުހިންމު ބާރުތައް އެކޮމިޝަނަށް ލިބިދީފައި އެބަހުއްޓެވެ. މި ހުރިހާ ބާރުތަކެއް ޤާނޫނުއަސާސީއިންނާ ޤާނޫނުން ލިބިއޮވެމެ އެ ކޮމިޝަނުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރާ ތަނެއް ނުފެނެއެވެ. މި ލިޔުމުގެ ސުރުޚީއާ ލިޔުމާ ގުޅެނީ މިހާހިސާބުންނެވެ.

ލިޔުމުގެ ސުރުޚީގައި އެއޮތީ މިސާލު ބަހެކެވެ. ލ އަތޮޅު ގަމުގައި ހިނގިކަމަށްބުނާ އެ ހާދިސާ ޢަބްދުﷲ ޞާދިޤުގެ “ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން މަޖާޒާއި މިސާލުބަސް – 2008” މިފޮތުގައި ލިޔުއްވާފައި އޮވެއެވެ. ގަމަށް ފުރެއްދެ އޮޑިއެއް އެހެލަން އޮތް ދުވަހު އެރަށު ނެވީންގެ ތެރެއިން އަލީފުޅުގެ ހިލަމެއް ނުވިއެވެ. ރައްޔިތު މަސައްކަތަށް ނުނިކުތުމަކީ ކުށްވެރިވާ ކަމެކެވެ. އަލީފުޅު މަސައްކަތަށް ނުނުކުންނަކަން އެނގިގެން އަތޮޅުވެރިން އޭނާ ބަލައި ފޮނުވައިގެން ހާޒިރުކޮށް، ބަލަ ކަލޭ މަސައްކަތަށް ނުނުކުތީ ކީއްވެގެންތޯ ސުވާލުކޮށްފިއެވެ. ތިމަން މިއުޅެނީ ބަލިވެއޭ މިއަދަކު މަސައްކަތްކުރާނޭ ހިތްވަރެއް ނެތޭ އަލީފުޅު ބުނެފިއެވެ. އަތޮޅުވެރިން ކޯފާވެފައި އަމުރުކުރެއްވީ ވަލުގައި ހިފައި މަސައްކަތުގައި ބައިވެރިވުމަށެވެ. އަދި އަލީފުޅު އެ މަސައްކަތުގައި ބައިވެރިކުރުވުމަށް އެހެން މީހުންނަށްވެސް ގަދަ އަމުރުކުރައްވައިފިއެވެ. އަލީފުޅު ކަންނެތްކަމާއެކު ވަލުގައި ހިފައިގެން ހުރެ އަތޮޅުވެރިންނަށް ބުނެއެވެ. ތަކުރުފާނުންގެ ބާރުގަދަކަމުން ވަލުގައި ހިއްޕައިފީމުތާއޭ، މަގައިގައި ހުރި ބާރު މަގޭ އަތަށް ގަދަކަމުން ތަކުރުފާނު ލައްވާނީ ކިހިނެއްބާވައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނެކޭ ނެވި އަލީފުޅެކޭ ތަފާތެއް ނެތެވެ. ޤާނޫނުއަސާސީއާ ޤާނޫނުން ކިތަންމެ ބާރެއް ލިބިދީފައި އޮތަސް އެ ކޮމިޝަންގެ މެންބަރުން އިޚްލާސްތެރިކަމާއެކު މަސައްކަތް ނުކުރާހާ ހިނދަކު ނުކުންނާނޭ ނަތީޖާއެއްނެތެވެ. އަލީފުޅަށް ގަދަ އަމުރުކޮށްގެން ބިރު ދެއްކުމުން މަޖުބޫރުން ވަލުގައި ހިފައިފިއެވެ. އޭނާ ގައިގައި ހުރި ބާރެއް މުލައްދަނޑިއަށްލައި މަސައްކަތް ފުރިހަމަކުރެވޭނީ އޭނާ އެކަން ކުރީމައެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައެވެ. ވަލަށް ވާންވާނީ ހިފާ މީހަކު އަމިއްލަ ބާރުން ދެމީމައެވެ. ކަންނެތްކަން ދައްކާ މީހަކު ވަލުގައި ހިފައިގެން ހުއްޓަކަސް މި ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެއެވެ. އެމީހަކު ދުރުކޮށް، ވަލުގައި ހިފަންވީ މަސައްކަތްކުރާނޭ މީހެކެވެ.

| މަސްދަރު : މަޙްފޫޒް ބުލޮގް

Leave a comment

Your email address will not be published.