އަޙްމަދު
18 September 2017
މަޤްބޫލު ޙަބަރު

 ޕްރެމިއާރ ލީގުގައި މެންޗެސްޓާރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު މެންޗެސްޓާރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓާރ ޔުނައިޓެޑުން މި މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު މި މެޗުގެ ފަހު 7 މިނެޓުގައި ޔުނައިޓެޑުން ވަނީ އެވަޓަންކޮޅަށް ތިން ލަނޑު ޖަހައިފައެވެ. މި މެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ވެލެންސިއާ، ހެންރިކް މިކިޓަރްޔަން، އެންތޮނީ މާޝިއަލްގެ އިތުރުން މިފަހަރު ފާއިތުވެ މިދިޔަ ޓްރާންސްފާރ ޕީރިއަޑުގައި ބޮޑު އަގެއްގައި އެވަޓަންއިން ގެނައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

ޔުނައިޓެޑަށް މި މެޗުގައި އެ ޓީމުގެ އެންމެ މޮޅު ކުޅުން ގިނަ ވަގުތުތަކަކަށް ނުދެއްކުނުނަމަވެސް މި މެޗުގައި އެވަޓަންއަށްވެސް ވަނީ މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. ޔުނައިޓެޑުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އެނބުރި އެވަޓަންއަށް އައި ވޭން ރޫނީ ވަނީ މި މެޗުގައި އެތައް ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްފައެވެ.

މެޗް ނިމެންދަނިކޮށް ވޭން ރޫނީ ބަދަލުކޮށްފައިވާއިރު އެވަޓަންއަށް ވަނީ ބަދަލު ކުޅުންތެރިންނާއިއެކުގައިވެސް މި މެޗުގެ ނަތީޖާ ބަދަލުކުރުމުގެ އިތުރުން ލަނޑެއް ކާމިޔާބުކުރެވޭ ގޮތްނުވެފައެވެ. އެވަޓަންގެ ހަމަލާތަކުގެ ތެރެއިން ގިލްފީ ސިގާޑްސަން އަދި ރޫނީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑުގެ ކީޕަރު ޑެ ހެއާ މަތަކުރިއިރު މިއީ އެވަޓަންއަށް މި މެޗުގައި ފޮނުވާލެވުނު އެންމެ ނުރައްކާތެރި ހަމަލާތަކޭ ބުނުމަކީވެސް މުޅިން ދޮގަކަށް ނުވާނެއެވެ.

haftha.mv ©