އަޙްމަދު
19 September 2017
މަޤްބޫލު ޙަބަރު

ބާސެލޯނާއިން ނިމިދިޔަ ޓްރާންސްފާރ ޕީރިއަޑުގައި 150 މިލިއަން ޔޫރޯއަށް ގެނައި އޮސްމާން ޑޭމްބެލޭގެ އިންޖަރީވުމާއި ގުޅިގެން އެކުލަބުން ދެން ހަދާނެގޮތަކާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފައެވެ.

ޑޭމްބެލޭ އިންޖަރީ ވުމާއި ގުޅިގެން ހަތަރު މަހަށް ރެސްޓްކުރަން ޖެހުނު ހިތާމަވެރި ހަބަރުލިބުމާއިއެކު ބާސެލޯނާގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ މާޔޫސްކަން ސޯޝަލް މީޑިޔާގައި ފާޅުކޮށްފައެވެ. ސަބަބަކީ ބާސެލޯނާއިން މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަދި މި ސީޒަނުގައި އެންމެންވެސް އެކުޅުންތެރިޔަކު ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކުމަށް އުންމީދުކޮށްގެންތިބި ކުޅުންތެރިޔާ އިންޖަރީވުމުގެ ކުރިން ކުލަބަށް ކުޅޭތަން ފެނިގެންދިޔައީ އެންމެ 55 މިނެޓަށްކަމަށްވާތީއެވެ.

ބާސެލޯނާގެ ސްކޮޑްގައި މިހާރުވެސް ޒުވާން ބައެއް ކުޅުންތެރިން ތިބި އިރު މި ކުޅުންތެރިން ނޫން އެހެން ބައެއް ކުޅުންތެރިން ހިލޭ ގެނައުމުގެ ފުރުސަތުވެސް ބާސެލޯނާއަށް އެބައޮތެވެ.

މިގޮތުން މިފަދަ އެއް ކުޅުންތެރިޔަކީ ބާސެލޯނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ލޯތްބެއް ލިބިފައިވާ ރޮނާލްދީނިއޯއެވެ. ރޮނާލްދީނިއޯ ބާސެލޯނާގެ ލެޖެންޑުންގެ ޓީމުގައިވެސް ހިމެނޭއިރު އޭނާއަކީ އަދިވެސް އޭނާގެ ރިޓަޔާރމެންޓް އިއުލާންކޮށްފައިނުވާ ކުޅުންތެރިޔެކެވެ. ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާކަމުގައިވާ ރޮނާލްދީނިއޯ އެބުރި ބާސެލޯނާއަށް ކުޅެން އައުމަކީ ފުޓުބޯޅަ ބަލާ ކޮންމެ މީހަކުވެސް ވަރަށް ދެކޭހިތްވާނެ ދުވަހެކެވެ. މީގެ އިތުރުންވެސް އިޓަލީގެ އެންޓޯނިއޯ ކަސާނޯއަކީވެސް ފްރީ އެޖެންޓްއެކެވެ. އަދި ކުރިން އުރުގުއޭ އަދި އެތްލެޓިކޯ މެޑްރިޑުގެ ތަރި ޑިއޭގޯ ފޯލާން އަކީވެސް ފްރީ އެޖެންޓްއެއްގެ ގޮތުގައި ބާސެލޯނާއަށް ގެނެވިދާނެ ކުޅުންތެރިޔެކެވެ.

އެއް އިރެއްގައި ބާސެލޯނާއިން ގެންނަން މަސައްކަތްކުރި ޗެލްސީ އަދި ފްރާންސްގެ ކުރީގެ ތަރި ފްލޯރެންޓް މަލޫޑާއަކީވެސް މިވަގުތު ފްރީ އެޖެންޓްއެކެވެ. މިއީ ބާސެލޯނާއަށް ޑޭމްބެލޭ ނެތްތަން ސްކޮޑްގައި ފޫބެއްދުމަށް ހިލޭ ގެނެވިދާނެ ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިންކަމަށް ހަބަރުފަތުރާ ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މީގެން ކުޅުންތެރިޔަކު ގެނައުމަށްވުރެ ބާސެލޯނާގެ ކޯޗު ވަލްވާރޑޭ ހިތްހަމަޖެހޭނީ ބާސެލޯނާގެ ބީ ޓީމުން ޒުވާން ކުޅުންތެރިޔަކަށް ފުރުސަތުދިނުމަށްކަމަށްވެސް ބައެއް ހަބަރުފަތުރާ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

haftha.mv ©