.
21 September 2017
މަޤްބޫލު ޙަބަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކްލަބު ގްރީން ސްޓްރީޓްސް 25000 ރުފިޔާއިން ޖޫރިމަނާކޮށް އެމެޗުގައި ރެފްރީކަންކުރި ރެފްރީ މުހައްމަދު ނިއުޝާދު ސަސްޕެންޑްކޮށް، ރެފްރީސް ޑިފާޓްމަންޓާ ހަވާލުވެހުރި އަހްމަދު އަމީޒު މަގާމުން ދުރުކޮށް
ފިއެވެ. 

އެފްއޭއެމުން ގްރީން ސްޓްރީޓްސް ޖޫރިމަނާ ކޮށްފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިމަހުގެ 12 ވަނަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ގްރީން ބައްދަލުކުރި މެޗުގެ 53 ވަނަ މިނެޓުގައި ރެފްރީގެ ނިންމުމާމެދު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންގެ ފަރާތުން ހިތްހަމަ ނުޖެހުން ފާޅުކުކޮށް، ކުޅިވަރުގެ ރޫހާ ހިލާފްވާގޮތައް އަމަލާއި ބަހުން މެޗުގެ ރެފްރީއަށް ނިސްބަތްވާގޮތައް ކަންކޮށްފައި ވުމާއި، މެޗު ކުރިއަށް ނިންމާލަން ޖެހުނު މައްސަލައާ ގުޅިގެންނެވެ.

އެހެން ކަމުން މިމައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށްފަހު، އެއިދަރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑިސިޕްލިނަރީ ކޯޑުގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގްރީން ސްޓްރީޓްސް 25000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ގްރީން ސްޓްރީޓްސްއިން އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ޑިސިޕްލިނަރީ ކޯޑުގެ ދަށުން އެފަދަ ކަންކަމަށް ދެވޭ އެންމެ ހަރުކަށި އަދަބު ދިނުމާމެދު ވިސްނަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާނެ ކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގަިއ ބުނެފައި ވެއެވެ.

އެ މެޗުގެ މައްސަލާގައި މީގެ ކުރިން ވަނީ މުބާރާތުގެ ކޮމިޓީން ވެސް މިމެޗާ މެދު ވަކި ގޮތެއް ނިންމައިފައެވެ. އެގޮތުން މުބާރާތުގެ ކޮމިޓީއަށް މެޗުގެ ރެފްރީ އާއި މެޗު ކޮމިޝަނަރު ހާޒިރުކޮށް އެމީހުންގެ ވާހަކައާއި މެޗުގެ ރެފްރީސް ރިޕޯޓާއި މެޗު ކޮމިޝަނަރު ރިޕޯޓަށް ބެލުމަށްފަހު ކޮމިޓީން ނިންމީ މެޗު އެހިސާބުން ނިމުނީ ކަމަށެވެ. އަދި މުބާރާތުގެ ގަވައިދުގެ 11.6 އާއި 11.7 އަށް ރިއާޔަތްކޮށް މާޒިޔާއަށް 3 ޕޮއިންޓާއި ފައިދާ 2 ގޯލް ލިބުނު ކަމަށް ވަނީ ނިންމައިފަ އެވެ.

މި މެޗުގެ މައްސަލަ ހޫނުވީ ގްރީން ސްޓްރީޓްގެ އަލީ އިފާޒަށް ރެފްރީ ރީނދޫ ކާޑެއް ދެއްކުމާއި ގުޅިގެން އެޓީމުގެ ބިދޭސީ ފޯވާޑް ސޮބޮލް އިލިއާ ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދެއްކި ހިސާބުންނެވެ.

އިލިއާއަށް ރީނދޫ ކާޑެއް ދެއްކިއިރު، ފުރަތަމަ ހާފުގައި ރެފްރީ އާދަމް ފަޒީލުވެސް ވަނީ އެނާއަށް ރީނދޫ ކާޑު ދައްކާފައެވެ. އެކަމަކު ދެރީނދޫ ކާޑާއެކު ރަތްކާޑެއް އިލިއާއަށް ދެއްކުމުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކެޕްޓަން މުހައްމަދު ޝައްފާޒް ވަނީ ރެފްރީއަށް މައްސަލަ ޖައްސަން ފަށާފައެވެ. އެ މައްސަލަތަކާއި ގުޅިގެން ރެފްރީ ވަނީ ރަތްކާޑު ނުދައްކާ ދަނޑުންް ފައިބާފައެވެ. މެޗުގެ ދެވަނަ ހާފުގައި ރެފްރީކަން ކުރަން އެރީ ފުރަތަމަ ހާފުގައި އެސިސްޓެންޓް ރެފްރީއަކަށް ހުރި ނިއުޝާދު މުހައްމަދެވެ.

51 ވަނަ މިނެޓުގައި މެޗުގެ ކުޅުން ހުައްޓާލިއިރު، އެ މައްސަލައިގައި ގްރީން ސްޓްރީޓްސްގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. އަދި ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށް ނުގެންދާނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ބުނަމުންދިޔައެވެ. މެޗުގެ 85 މިނެޓަށް ދިޔައިރުވެސް ކުޅުން އަލުން ނުފެށުމުން މެޗު ކޮމިޝަނަރުގެ އިރުޝާދާއެކު މެޗު ވަނީ ހުއްޓާލާ، އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.

haftha.mv ©