.
23 September 2017
މަޤްބޫލު ޙަބަރު

ފީފާއިން ހޮވާ 2017 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އަދި މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ  ބރެޒިލްގެ ޒުވާންތަރި ނޭމާރ ޝޯޓްލިސްޓްކޮށްފިއެވެ.

މި އެވޯޑްއަކީ 2016 ވަނަ އަހަރު ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި އެވޯޑްއަކަށްވާއިރު މިފަހަރުވެސް މި އެވޯޑް ކާމިޔާބުކުރުން އެންމެ ގާތް ކުޅުންތެރިޔަކީ ރޮނާލްޑޯކަމަށް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

އޮކްޓޯބަރ 23 ވަނަ ދުވަހު މި އެވޯޑް ލިބޭ ފަރާތުގެ ނަން އިއުލާންކުރެވިގެންދާއިރު މި އެވޯޑްއަށް ކުޅުންތެރިން ހޮވުމަށް ކަނޑައެޅުނު ޕެނަލްގައި ކުރީގެ މަޝްހޫރު ކުޅުންތެރިންކަމުގައިވާ ކާލެސް ޕުޔޯލް، ޑިއޭގޯ މަރަޑޯނާ، ކާލެސް ވަލްޑެރާމާ، ލަންޑޮން ޑޮނޮވަން، ކަފޫ އަދި އެޑްވިން ވެން ޑާރ ސާރ ވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ މި އެވޯޑަށް ޝޯޓްލިސްޓު ކުރެވިގެންދިޔައީ އެވޯޑް ކާމިޔާބުކުރި ކްރިސްޓިއާނޯގެ އިތުރުން ލިއޮނެލް މެސީ އަދި އެތްލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ ފޯވަޑް އެންޓޮން ގްރީޒްމެންއެވެ. މި ތިން ކުޅުންތެރިން ޝޯޓްލިސްޓު ކުރެވިފައިވާއިރު ކުރިން މި އެވޯޑަށް ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ޖިއަންލުއީޖީ ބުފޯން، ޕައުލޯ ޑިބާލާ، ގްރީޒްމެން، ހެރީ ކޭން، ސާރޖިއޯ ރާމޯސް އަދި އެލެކްސިސް ސަންޗޭޒްވެސް ހިމެނެއެވެ.

މިދިޔަ ސީޒަނުގައި ލަލީގާ އަދި ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑާއިއެކު ކާމިޔާބުކުރި ރޮނާލްޑޯ އަކީ މި އެވޯޑްގެ އިތުރުން ބެލޮން ޑި އޯ އެވޯޑްވެސް ކާމިޔާބުކުރާނެކަމަށް އެންމެ ގިނަބަޔަކު ގަބޫލްކުރާ ކުޅުންތެރިޔާއެވެ.

haftha.mv ©