.
23 September 2017
މަޤްބޫލު ޙަބަރު

| ޝިމާޒް އަލީ – މޯލްޑިވްސް ފުޓްބޯލް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫ އާއި ދެކޮޅަށް މިއަދު ނިއު ރޭޑިއަންޓް ކުޅުނު މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފުރަތަމަ ބުރުގެ އެއްވަނަ މަގާމް ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.

މި މެޗުން މޮޅުވުމާއެކު ފުރަތަމަ ބުރުގައި ކުޅުނު 7 މެޗުން ނިއު އަށް ވަނީ 18 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މާޒިޔާއަށް 6 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު މާދަމާ ހަވީރު މާޅޮސް އަތުން މާޒިޔާ މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 16 ޕޮއިންޓެވެ. ތިނަދޫ އަށް ހަތް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

މެޗްގެ 14 ވަނަ މިނިޓްގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ރުއިޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައެވެ. މި ލަނޑަކީ ހަމްޒާ މުހައްމަދު ފޮނުވާލި ބޯޅައެއް ތިނަދޫގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ނިކުތް ވަގުތު އޭރިޔާ ބޭރުގައި ހުރެ ވަރަށް ބާރަށް ރުއިޒް ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް މެޗްގެ 36 ވަނަ މިނިޓްގައި ތިނަދޫގެ ޖޯޖް އިވާން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ތިނަދޫ އަށް ލިބުނު ހިލޭ ޖެހުމެއް ނިޔާޒް ނަގައިދިނުމުން އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ނިއު އަށް ވަނީ މެޗްގައި ދެވަނަ ފަހަރަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިޔާ ތެރޭގައި ހުހަށް ހުރި ގަލާޑޯ އަށް އަޝްފާގް ޖައްސާލި ބޯޅަ އޭނާ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑި އަށެވެ.

މި މެޗުން ނިއު އަށް ތިން ޕޮއިންޓް ކަށަަވަރުވެފައިވަނީ 69 ވަނަ މިނިޓްގައި ގަލާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ފާސިރު ޖައްސާލި ބޯޅައެއް އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

haftha.mv ©