.
24 September 2017
މަޤްބޫލު ޙަބަރު

ލަލީގާގައި މިރޭ ޖިރޯނާއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-0ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖިރޯނާގެ ކުޅުންތެރިން ބައިކޮޅަށް ޖަހައިދިންއިރު ބާސެލޯނާގެ ކުޅުންތެރިޔަކު މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މި މެޗާއިއެކު ބާސެލޯނާއަށް 100 މެޗު ކުޅެފައިވާ ލުއިސް ސުއަރޭޒްއެވެ.

ބާސެލޯނާއިން މި މެޗުގައި އެޓީމުގެ އެންމެ މޮޅު ކުޅުން ދައްކުވައިދީފައި ނުވިނަމަވެސް ޓީމުގެ ބައެއް ކުޅުންތެރިންކަމުގައިވާ ސާރޖި ރޮބާޓޯ، އިވާން ރަކިޓިޗް، މަޝެރާނޯ އަދި އުމްޓީޓީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މި މެޗުގައި ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނެލް މެސީގެ ފަރާތުން ތަންކޮޅެއް މަޑުމައިތިރި ކުޅުމެއް ފެނިގެންދިޔައިރު ޖިރޯނާއަށް ވަނީ ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ނުރައްކާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މިގޮތުން މި މެޗުގައި ޖިރޯނާއަށް ވަނީ މުޅިއަކު 9 ކޯނަރު ލިބި އޭގެން އެއްވެސް ކޯނަރެއްގެ ބޭނުން ނުހިފިފައެވެ. ބާސެލޯނާއިން މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ޖިރޯނާގެ ޑިފެންސް ލައިންގެ އޮފްސައިޑް ޓްރެޕްގެ ސަބަބުންވެސް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައެވެ. 

ބާސެލޯނާގެ ކުޅުންތެރިން ވަނީ މި މެޗުގައި 14 ފަހަރު އޮފްސައިޑްވެފައެވެ. މި މެޗުގައި ބާސެލޯނާގެ އެންމެ މޮޅު ކުޅުން ފެނިގެންނުދިޔަނަމަވެސް އެޓީމު ވަނީ މި މޮޅާއިއެކު އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް އަނެއްކާވެސް މޮޅެއް އިތުރުކޮށްފައެވެ.

haftha.mv ©