.
25 September 2017
މަޤްބޫލު ޙަބަރު

ނިމިގެން ދިޔަ ޓްރާންސްފާރ ވިންޑޯވގައި ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީއަށް ބަދަލުވި ނޭމާރގެ މުސާރައަކީ ކޮބައިކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވީނަމަވެސް މި މައުލޫމާތު ހާމަކުރަން ޕީއެސްޖީ އަދި ނޭމާރގެ އެޖެންޓުންވެސް ވަނީ އިންކާރުކޮށްފައެވެ.

އެހެންނަމަވެސް އެންމެންނަށްވެސް ވަރަށްބޮޑަށް ހީވެފައިވާ އެއްކަމަކީ ނޭމާރއަކީ ދުނިޔޭގައި އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާކަމެވެ. މި ހީތަށް ޔަގީނަކަށް ބަދަލުވެގެންދާފަދަ ގޮތަކަށް ފުޓްބޯލް ލީކްސް ނަމަކަށް ކިޔާ ވެބްސައިޓަކުން ވަނީ ނޭމާރއަށް ޕީއެސްޖީއިން ދެމުންދާ މުސާރައިގެ ޖުމްލަ އަދަދު ލީކުކޮށްލައިފައެވެ.

މި އަދަދާއިއެކު ނޭމާރ ވެގެންދަނީ މުޅި ދުނިޔެއިންވެސް ދެވަނައަށް އެންމެ މުސާރަ ބޮޑު ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ. އެއް ވަނައިގައި އަދިވެސް އޮތީ ޗައިނާ ލީގުގައި ކުޅެމުން އަންނަ އާޖެންޓީނާ އަދި މެންޗެސްޓާރގެ އިތުރުން ޔުވެންޓަސްގެ ކުރީގެ ތަރި ކާލޮސް ޓެވޭޒްއެވެ. ފުޓްބޯލް ލީކްސްއިން ވަނީ ޕީއެސްޖީއިން ކޮންމެ މަހަކުވެސް ނޭމާރއަށް 3 މިލިއަން ޔޫރޯގެ މުސާރައެއް ދެމުންދާކަމަށް ހާމަކޮށްފައެވެ.

މިއާއިއެކު އަހަރެއްގެ ތެރޭގައި ނޭމާރއަށް 36 މިލިއަން ޔޫރޯ ލިބިގެންދާނެއެވެ. މިއާއި އަޅުވާކިޔާލާއިރު ޗައިނާ ލީގުގައި ކުޅެމުންދާ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ ކާލޮސް ޓެވޭޒްއަށް އަހަރެއްގެ މައްޗަށް 38 މިލިއަން ޔޫރޯ ލިބިގެންދެއެވެ.

haftha.mv ©