.
26 September 2017
މަޤްބޫލު ޙަބަރު

| ޝިމާޒް އަލީ – މޯލްޑިވްސް ފުޓްބޯލް

2019ވަނަ އަހަރު ޔޫއޭއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު އޮމާނާއި ދެކޮޅަށް މާލޭ ގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުން ގްރީން ސްޓްރީޓްސް ގެ އިބްރާހިމް ރިޒުހާނާއި މުހައްމަދު ސާއިފަށް ފުރުސަތު ދީފި އެވެ.

ރިޒުހާން އަށް ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނުއިރު އޭނާ އަކީ ޑިފެންސަށްވުރެ ބޮޑަށް އެޓޭކްގައި ބައިވެރިވާ ކުޅުންތެރިއެކެވެ. އޮމާން އާއި ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެފައިވާއިރު އެ މެޗްގައި ސްކޮޑަށް ނެގި ކުޅުންތެރިންނާއިމެދު ވަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އާރިފް ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުދޭތީ އެކަމާއި ކަންބޮޑުވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އޮމާނާއި ދެކޮޅަށް ކުޅޭ މެޗަށް ސްކޮޑް އެކުލަވާލިއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި ދެ ކުޅުންތެރިން ކަމުގައިވާ އަސަދުﷲ އަބްދުﷲ އާއި އަހުމަދު ރަޝީދު އަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗްގައި ފަލަސްތީން އަތުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ނަމަވެސް ދެވަނަ މެޗްގައި ބޫޓާން އަތުން 2-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ މޮޅުވެފައެވެ. ރާއްޖެ އާއި ދެކޮޅަށް ކުޅޭ އޮމާން ކުޅުނު ފުރަތަމަ މެޗް 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާން ބަލިކޮށްފައިވާއިރު ދެވަނަ މެޗްގައި ފަލަސްތީން އަތުން ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެންމެ ފަހުން އެޓީމު ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗް 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އޮމާން އެވެ.

އޮމާނާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައެވެ.

ގައުމީ ސްކޮޑް:

މާޒިޔާ: މުހައްމަދު އުމެއިރު، ސަމޫހު އަލީ، އަމްދާން އަލީ، މުހައްމަދު އިރުފާން، އަޝްހަދު އަލީ، އިސްމާއިލް އީސާ.

ނިއު ރޭޑިއަންޓް: އަހުމަދު އަބްދުﷲ، އަކްރަމް އުބްދުލް ޣަނީ، އަލީ ފާސިރު، ހަމްޒާ މުހައްމަދު، މުހައްމަދު ރަޝީދު، ރިލްވާން ވަހީދު، އަލީ އަޝްފާގް، މުހައްމަދު ފައިސަލް.

ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު ޒާދު، ހަސަން ނާއިޒް، އިބްރާހިމް ވަހީދު ހަސަން، މުހައްމަދު އައްޒާމް.

ކްލަބް ގްރީން ސްޓްރީޓްސް: ޝާފިއު އަހުމަދު، މުހައްމަދު ސާއިފް، އިބްރާހިމް ރިޒުހާން.

ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒުވާން.

މިލަންދޫ: މުހައްމަދު އިމްރާން

haftha.mv ©