އަޙްމަދު
27 September 2017
މަޤްބޫލު ޙަބަރު

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންއަންނަ ފްރާންސްގެ ތަރި އެންޓޯން ގްރީޒްމެން ހޯދުމަށް 100 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅަން އިނގިރޭސިވިލާތުގެ ޕްރެމިއާރ ލީގުގެ މެންޗެސްޓާރ ޔުނައިޓެޑުން ތައްޔާރުކުރަމުންދާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީއާއިއެކު މިދިޔަ އަހަރުގެ ފީފާ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި ގްރީޒްމެން ހޯދުމަށް މެންޗެސްޓާރ ޔުނައިޓެޑުން މަސައްކަތްކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ހަބަރުލިބޭއިރު، ޑިއޭގޯ ކޯސްޓާ އެނބުރި އެތްލެޓިކޯ މެޑްރިޑަށް ދިޔުމުން އަނެއްކާވެސް މެންޗެސްޓާރ ޔުނައިޓެޑަށް ގްރީޒްމެން ހޯދިދާނެކަމުގެ އުންމީދު އާކުރަންފަށާއިފައިވާކަމަށް މި ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގްރީޒްމެން އަކީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ފަހުން ބޭއްވުނު ޔޫރޯ މުބާރާތުގެ ރަނަރ ރަޕްކަން ހޯދައިދިނުމުގައިވެސް އިސް ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. ކުރިން ރެއާލް ސޮސިއެޑާޑްއަށް ކުޅެދިން ގްރީޒްމެން ވަނީ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވުމަށްފަހު އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން ދުނިޔޭގެ އެތައް ކުލަބެއްގެ ޝައުގުވެރިކަން ހޯދައިފައެވެ.

މިގޮތުން ލަލީގާގެ ވާދަވެރި ރެއާލް މެޑްރިޑު އަދި ބާސެލޯނާއިންވެސް ގްރީޒްމެން ހޯދުމަށް ޝައުގުވެރިވާކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ގްރީޒްމެން ބޮޑަށް ބޭނުން ވަނީ ޕްރެމިއާރ ލީގުގައި އާ ތަޖުރިބާތަކެއްކުރަންކަމަށް މި ރިޕޯޓްތަކުގައި ބުނެފައިވާތީ އެންމެ ބޮޑަށް ބެލެވެނީ ގްރީޒްމެން ދެން އަންނަ ޓްރާންސްފާރ ވިންޑޯވގައި މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވާނެކަމަށެވެ.

haftha.mv ©