.
28 September 2017
މަޤްބޫލު ޙަބަރު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅެވުނު މެޗުތަކުގެ ތެރޭގައި ބަޔާން މިއުނިކްއާއި ޕީއެސްޖީ ބައްދަލުކުރި މެޗު ހައިރާންކުރުވަނިވި ނަތީޖާއަކުން ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ.

 ޗެމްޕިއަންސް ލީގުގައި ކުޅޭ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރެއިން ދެ ޓީމުގެ ކުރިމަތިލުން ޕީއެސްޖީއިން ކާމިޔާބުކޮށްފައިމިވަނީ 3-0ންނެވެ. މި މެޗުގައި ޕީއެސްޖީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޑެނި އަލްވޭޒް، އެޑިންސަން ކަވާނީގެ އިތުރުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާރއެވެ.

މެންޗެސްޓާރ ޔުނައިޓެޑް އަދި ސީއެސްކޭ މޮސްކޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެންތޮނީ މާޝިއަލް، ހެންރިކް މިކިޓަރްޔަން އަދި ދެ ލަނޑު ކާމިޔާބުކުރި ރޮމެލޫ ލުކާކޫއެވެ. ސީއެސްކޭ މޮސްކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކޮންސްޓޭންޓިން ކުޗައެވްއެވެ.

އެތްލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރި ވާދަވެރި މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ޗެލްސީ ކުރިހޯދައިގެންނެވެ. ޗެލްސީގެ ލަނޑުތައް މި މެޗުގައި ކާމިޔާބުކޮށްދިނީ ސްޕެއިންގެ ސްޓްރައިކަރ އަލްވާރޯ މޮރާޓާގެ އިތުރުން ބެލްޖިއަމްގެ ޒުވާން ސްޓްރައިކަރ މިޗީ ބަޓްޝުއާޔީއެވެ.

ބާސެލޯނާ އަދި ސްޕޯޓިންގް ލިސްބަން ބައްދަލުކުރި މެޗު 1-0ގެ ނަތީޖާއަކުން ނިމިގެންދިޔަ އިރު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ސްޕޯޓިންގްގެ ކުޅުންތެރިޔެއްކަމުގައިވާ ސެބަސްޓިއަން ކޯޓެސްގެ އަތުން ބައިކޮޅަށް ވައިން ލަނޑެވެ.

އިޓަލީގެ ޗެމްޕިއަނުން ޔުވެންޓަސް އާއި އޮލިމްޕިއާކޮސް ބައްދަލުކުރި މެޗު 2-0ން ޔުވެންޓަސް ކާމިޔާބުކުރިއިރު މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޔުވެންޓަސްގެ ގޮންޒާލޯ ހިގުއެއިންއާއި މާރިއޯ މަންޑްޒޫކިޗްއެވެ.

haftha.mv ©