.
29 September 2017
މަޤްބޫލު ޙަބަރު

ޖަރުމަންވިލާތުގެ ޗެމްޕިއަނުން ބަޔާން މިއުނިކްއާއި ފްރާންސްގެ ޕީއެސްޖީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ބައްދަލުކުރި މެޗުން ބަޔާން 3-0 ބަލިވުމާއިއެކު ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތެއް ޕީއެސްޖީއަށް އޮތް ވާހަކައެވެ.

ނުރައްކާތެރި އަދި އަގުބޮޑު ފޯވަޑް ލައިންއެއް އޮތް ޕީއެސްޖީއިން ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކުލަބުކަމުގައިވާ ބަޔާން މިއުނިކް ފަސޭހަކަމާއިއެކު އެ މެޗުގައި ބަލިކޮށްފައެވެ.

ޕީއެސްޖީ އަތުން 3-0ން ބަޔާން މިއުނިކް ބަލިވި ބަލިވުމަކީ އެކުލަބުގެ އިސް ވެރިން އެއްގޮތަކަށްވެސް ދެކެން ބޭނުންވާ ނަތީޖާއަކަށްނުވާއިރު މި ނަތީޖާގެ ސަބަބުން އެ ޓީމުގެ ހެޑް ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މަގާމުން ވަކިކޮށްފައެވެ. އަންޗެލޮޓީ މަގާމުން ވަކިކުރެވުނު މައިގަނޑު ސަބަބެއްކަމަށް  ބަޔާން އިން ބުނެފައިވަނީ  މި ސީޒަނުގައި ބަޔާންގެ ފަރާތުން ފެންނަންޖެހޭވަރުގެ ކުޅުމެއް ފެނިގެންނުދާތީކަމަށެވެ.

އަދި މީގެ އިތުރުންވެސް ޕީއެސްޖީއާއި ބައްދަލުކުރި މެޗުގައި ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމެނުމުންވެސް އަންޗެލޮޓީއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަންޗެލޮޓީ މަގާމުން ވަކިކުރުމުގެ ކުރިން ބަޔާންގެ މުހިންމު ކުޅުންތެރިންވެސް ވަނީ ކޯޗަށް އިތުބާރުކުރާކަމާއި މެދު ސުވާލުކުރެވުމުން ޖަވާބު ދިނުމުން އެއްކިބާވެފައެވެ. ޕީއެސްޖީއަށް ބަޔާނ ކޮޅަށް ތިން  ލަނޑު  ޖަހާފައިވާއިރު  މި ނަތީޖާއަކީ  ޕީއެސްޖީއަށް  ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

ބަޔާން މެޗުގައި އެންމެ ބޮޑަށް ފާހަގަ ވެގެންދިޔަ އެއް ކުޅުންތެރިޔަކީ އުމުރުން އެންމެ18 އަހަރުގެ ކިލިއަން އެމްބަޕޭއެވެ.އެމްބަޕޭ އަކީ ކުރިމަގުގައި ބެލޮން ޑި އޯއަށް ވާދަކުރާނެވަރުގެ މޮޅު ކުޅުންތެރިޔެއްކަމަށްވެސް ކުލަބުގެ އަދި ދުނިޔޭގެވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާރ ވަނީ ބުނެފައެވެ. މިއީ މެސީ އަދި ރޮނާލްޑޯއަށްފަހު ދެން ބެލޮން ޑި އޯ އުފުލާލާނެކަމަށް އެންމެ ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާގެ ބަސްތަކެކެވެ.

haftha.mv ©