.
30 September 2017
މަޤްބޫލު ޙަބަރު

އިނގިރޭސިވިލާތާއި ސްލޮވާކިއާ މި މަހުގެ ކުރީކޮޅު ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލުކުރި މެޗެއްގައި ދަނޑުމަތީގައި އަތުގެ މެދު އިގިލި ދައްކާ ހިންގި ހުތުރު އަމަލެއްގެ ސަބަބުން  އިނގިރޭސިވިލާތުގެ ޒުވާން ތަރި ޑެލޭ އަލީ އެއް މެޗަށް ސަސްޕެންޑްކުރުމަށް ފީފާއިން ނިންމައިފިއެވެ.

ފުރަތަމަ ބެލެވުނު ގޮތުގައި ޑެލޭ އަލީ މެދު އިނގިލި ދައްކާފައިވަނީީ އެ މެޗުގެ ރެފްރީ ކްލެމެންޓް ޓާރޕިންއަށް އަމާޒުކޮށްފައެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ކޯޗު ގެރެތް ސައުތްގޭޓް އަދި އަލީވެސް ވަނީ އެ އިޝާރާތްކުރެވިފައިވަނީ އަލީއާއި އެކު ކުރިން ޓޮޓެންހަމްއަށް ކުޅުނު ކައިލް ވޯކާރއަށް އަމާޒުކޮށްކަމަށެވެ.

އަލީ ވަނީ  މި އިޝާރާތަކީ އޭނާއާއި އޭނާގެ ކުރީގެ ޓީމްމޭޓް ކައިލް ވޯކާރއާއި ދެމެދުގައި އަބަދުވެސް ކުރެވޭ ސަމާސާއެއްގެ ގޮތުންކުރެވުނު ކަމެއްކަމަށް ބުނެފައެވެ.

އެންމެ ފުރަތަމަ ފީފާއިން މަސައްކަތްކުރީ އަލީ މި އިޝާރާތް ރެފްރީއަށް އަމާޒުކޮށް ކުރިކަމަށް ބަލައި އޭނާ ދެ މެޗަށް ސަސްޕެންޑްކުރުމަށެވެ. އެހެންނަމަވެސް މިއީ ރެފްރީއަށް އަމާޒުކޮށް ކުރެވުނު އިޝާރާތެއްކަމަށް ނުބެލެވޭތީ  ފީފާއިން ވަނީ އަލީ އެއް މެޗަށް ސަސްޕެންޑްކުރުމަށް ނިންމައިފައެވެ. މި ސަސްޕެންޝަނާއިއެކު ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިވިލާތާއި ސްލޮވީނިއާ ބައްދަލުކުރާ މެޗުގައި ޑެލޭ އަލީއަކަށް ނުކުޅެވޭނެއެވެ.

haftha.mv ©