އަޙްމަދު
01 October 2017
މަޤްބޫލު ޙަބަރު

ރެއާލް މެޑްރިޑުގެ ތަރި ޓޮނި ކްރޫޒް އޭނާގެ ޓީމްމޭޓް މާކޯ އަސެންސިއޯއަށް ރެއާލް މެޑްރިޑުން ހުށަހެޅި އާ ކޮންޓްރެކްޓްގެ ސަބަބުން ހިތްހަމަނުޖެހިފައިވާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގަައި ހިމެނޭ ޓޮނި ކްރޫޒް ވަނީ އޭނާގެ މުހިންމުކަން ކުލަބުގައި ކުޑަވެފައިވާކަމަށާއި އަދި އޭނާއަށް ދޭންޖެހޭވަރުގެ ބޮޑު މުސާރައެއް ރެއާލްއިން ނުދޭކަމަށް ވެސް އޭނަބުނެފައިވާކަމަށް އެރިޕޯޓްތަކުގައި ވެއެވެ. ހަބަރުލިބޭގޮތުގައި ކްރޫޒް މިގޮތަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ރެއާލް އިން އަސެންސިއޯ އަށް ހުށަހެޅި އާ ކޮންޓްރެކްޓްގައިއޭނާގެ މުސާރަ މާ ބޮޑުވުމުންނެވެ.

ޓޮނި ކްރޫޒް އަކީ ރެއާލް މެޑްރިޑުގެ އެންމެ މުހިންމު އަދި ޓީމުގެ އެންމެ އިސް ދައުރު އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އޭނާއަކީ 2014 ވަނަ އަހަރު ޖަރުމަންވިލާތުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައިވެސް އިސް ދައުރެއް އަދާކުރި މުހިންމު ކުޅުންތެރިޔެކެވެ. އަދި އޭނާގެ ކުރިގެ ކުލަބު ބަޔާން މިއުނިކްއަށް އެތައް ތަށްޓެއް ކާމިޔާބުކޮށްދީފައިވާއިރު ރެއާލް މެޑްރިޑާއި ގުޅުނުފަހުން ރެއާލް އިން މިފަހަކަށްއައިސް ހޯދާ ބޮޑެތި ކާމިޔާބީތަކުގައިވެސް އެންމެ އިސް ދައުރު އަދާކުރާ އެއް ކުޅުންތެރިޔަކީ ކްރޫޒްއެވެ.

އެހެންނަމަވެސް ޒުވާން ފޯވަޑް އަސެންސިއޯ އަކީވެސް މިފަހަކަށްއައިސް ރެއާލް މެޑްރިޑުން ދެކޭގޮތުގައި އެޓީމުގައި ހުރި އެންމެ ހުނަރުވެރި އަދި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

ރެއާލްއިން ގަބޫލުކުރާގޮތުގައި ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ކާމިޔާބުކުރި އަސެންސިއޯއަކީ އެޓީމުގެ ކުރިމަގެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔާރކުރުމާއިއެކު ދެން ޓީމު ކުރިއަށް ގެންދަންހުރި ކުޅުންތެރިޔާއެވެ. މިއާއިއެކު ކްރޫޒްގެ މި ހިތްހަމަނުޖެހުންތަކުގެ ސަބަބުން އޭނާ މެޑްރިޑު ދޫކޮށް އޭނާގެ އަގުވަޒަންކުރާ ކުލަބަކަށް ގޮސްދާނެބާ؟ ގައިމުވެސް ކްރޫޒް ފަދަ މޮޅު ކުޅުންތެރިޔަކު ފަސޭހައިން ހޯދުމަށް ލިބޭ ފުރުސަތުގައި ޕީއެސްޖީ، މެންޗެސްޓާރ ސިޓީ އަދި ރެއާލްގެ ހަތުރުވެރި ބާސެލޯނާ ފަދަ ޔޫރަޕްގެ ބޮޑެތި ހުރިހާ ކުލަބަކުންވެސް މަސައްކަތްކުރާނެކަމަކީ  ޔަގީންކަމެކެވެ.

haftha.mv ©