.
24 June 2018
މަޤްބޫލު ޙަބަރު

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ޕެނަމާ 6-1 ގެ ބޮޑުތަފާތަކުން ބަލިކޮށް އިންގްލޭންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް ޖީގެ ދެވަނަ ބުރަށް އިންގްލެންޑް ދަތުރުކޮށްފައިވާއިރު ބެލްޖިއަމްވެސް ވަނީ 6 ޕޮއިންޓާއިއެކު ދެވަނަބުރުގެ ޖަގައެއް ކަށަވަރުކޮށްފައެވެ. މިގްރޫޕްގައި ދެންހިމެނޭ ޓިއުނީޝިއާ އާއި ޕެނަމާ ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފައެވެ.

މި މެޗްގެ ފުރަތަމަ ހާފުގައި އިންގްލޭންޑުން ވަނީ ފަސް ލަނޑު ޖަހާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޑިފެންޑަރު ޖޯން ސްޓޯންސް މެޗްގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ 22 ވަނަ މިނެޓުގައި އިންގްލޭންޑުގެ ޖެސޭ ލިންގާޑަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އިންގްލޭންޑަށް ލީޑު ފުޅާކޮށްދިނީ ހެރީ ކޭން އެވެ.

ފުރަތަމަ ހާފުގައި އިންގްލޭންޑުން މޮޅު ކުޅުމެއް ދެއްކިއިރު، 36 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓު ކޭންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކޭން ވަނީ އޭނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގައި އިންގްލޭންޑްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިހާފްގައި ކޭން ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކާއިއެކު މެޗުގެ 62 ވަނަ މިނެޓުގައި އިތުރު ލަނޑެއް އިންގްލެންޑަށް ކާމިޔާބުކޮށްދީފައެވެ. އަދި މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

މިއަހަރު އަލަށް ވޯލްޑް ކަޕްގައި ބައިވެރިވި ޕެނަމާ އިން އެމީހުން މިމުބާރާތުގައިވެސް ޖެހި ފުރަތަމަ ލަނޑު އަދި މިމެޗްގެ ވެސް އެމީހުންޖެހި ހަމައެކަނި ލަނޑު މެޗްގެ 78 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ފިލިޕޭ ބަލޯއީ އެވެ.

 

Leave a Reply

Your email address will not be published.

haftha.mv ©