Sat, 25 January, 2020, 10:32 am
ދަގަނޑޭގެ ދެ ލަނޑާއެކު ޓީސީ އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ލަނޑާއެކު 0-3 އިން ބ. ފެހެންދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ. މި ނަތީޖާއާއެކު ޓީސީ މިހާރު އޮތީ ލީގުގެ އެއްވަނަ މަގާމުގައެވެ.

ލީގުގެ އެއްވަނައިގާ ޓީސީ އޮތީ، ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. އެއީ ފުރަތަމަ މެޗުގައި ފ. ނިލަންދޫ އަތުން 1-6ގެ ނަތީޖާއަކުން މޮޅުވި މެޗާއެކު އެވެ. ފެހެންދޫގެ ފުރަތަމަ މެޗުގައި ވިކްޓަރީއާ ވަނީ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފައެވެ.

މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ޓީސީން ލީޑު ނެގީ މެޗުގެ 23 ވަނަ މިނެޓުގައި މުހައްމަދު ސާމިރު ދިން ބޯޅައަކުން ދަގަނޑޭއެވެ. އެ ލަނޑަށްފަހު ވެސް ފުރަތަމަ ހާފުގެ ތެރޭގައި ޓީސީއަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ.

އެގޮތުން ދަގަނޑޭ ދިން ބޯޅައަކުން އޭރިއާ ތެރެއިން ބ. އޭދަފުއްޓަށް ނިސްބަތްވާ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ހަމަލާއާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި މިސްރު ޑިފެންޑަރު އަލާ ނާސިރު ޖެހި ބޯޅައިގެ އިތުރުން ސާމިރަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެދުގެ ދެވަނަ ހާފުގައި ވެސް ޓީސީން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއިރު، ފެހެންދޫ އިން ފެނުނީ ބޮޑަށް ޑިފެންސް ކުރި ތަނެވެ. އެގޮތުން، ދެވަނަ ހާފުގެ ކުރީކޮޅު ޓީސީގެ އިއްބެ އާއި ސައްޓު ފެހެންދޫ ގޯލަށް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

މެޗުގައި ޓީސީއަށް މެޗުގެ ލީޑް ފުޅާކޮށްލެވުނީ މެޗުގެ 71 މިނެޓްގައެވެ. ސައްޓު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ޔާމީން އިބްރާހީމް (ޔާމްބެ)ގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)އެވެ.

މުޅި މެޗުގައި ވެސް ފެހެންދޫއަށް ލަނޑެއް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ މެޗުގެ 79 ވަނަ މިނެޓުގައި ހުސެއިން އީމާނަށެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ޓީސީން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ހަސަން ސޮލާހު ނަގައިދިން ހުރަހަކުން ދަގަނޑޭއެވެ. އެ ލަނޑު ދަގަނޑޭ ކާމިޔާބު ކޮށްދިނީ ބޮލުންނެވެ.

މިއަހަރުގެ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު، ޕްރިމިއާ ލީގަށް ޓީސީއާ ގުޅުނު ދަގަނޑޭ މި މެޗުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ ޓީސީއަށް ކުޅެދިން ދެ މެޗުން ހަތަރު ގޯލު ޖަހައިފައެވެ.

ލީގުގައި މިރޭ 9:00ގައި ކުޅޭ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުއްޓެވެ.

Leave a comment

Your email address will not be published.