Sat, 18 January, 2020, 2:09 pm
ނޭޝަނަލް ސްޕޯޓްސް އެކެޑަމީގެ ބިންގާ އަޅައިފި

ނެޝަނަލް ސްޕޯރޓްސް އެކެޑަމީ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބިންގާ އަޅުއްވައިދެއްވީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމްއާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި އަދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ނާސިފްއެވެ.

އަންނަ ސެޕްޓެމްބަރު މަހު ފަހުކޮޅު ހުޅުވާނެ ކަމަށް އެފްއޭއެމް އިން އިއުލާންކުރި އެ އެކެޑަމީގެ ބިންގާ އެޅުމަށްފަހު ބައްސާމް ވިދާޅުވީ، އެކެޑެމީގެ މަސައްކަތް ބަހާލެވިފައިވަނީ ދެ ފިޔަވައްސަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ އޮކްޓޯބަރު މަހުގެ ކުރީކޮޅު އިމާރާތަށް ވަދެވޭނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެއިން ދެލައްކަ ތިރީސް ހާސް އަކަފޫޓުގެ ބިމެއްގައި އަޅާ އެ އެކެޑަމީގެ ފުރަތަމަ ފިޔަވަހިގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވަނީ އޮފީހަކާއި ބޮޑު އެއް ޓާފް ދަނޑާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ޖިމާއި މިސްކިތެކެވެ. އެ މަސައްކަތްތަކަށް 15 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އަދި ދެވަނަ ފިޔަވައްސާއެކު އެކެޑަމީގެ މަސައްކަތް ނިމޭއިރު، އެތަނުގައި ބޮޑު އެއް ޓާފް ދަނޑާއި މިނީ ޕިޗްގެ ދެ ދަނޑާއި ސްވިމިންގ ޕޫލަކާއި ޖިމަކާއި ކުދިންނަށް ތިބެވޭ އެކޮމަޑޭޝަން ބްލޮކެއް ހިމެނޭނެއެވެ.

ބައްސާމް ވިދާޅުވީ، އެކެޑަމީ އިތުރަށް ވަރުގަދަ ކުރުމަށް ބޭރުގެ އެންމެ ބޮޑު އެއް އެކަޑަމީއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ވޯލްޑްކަޕަށްފަހު އެކަމާ ގުޅޭ އެއްބަސްވުމަކަށް އާދެވޭ ވަރުވާނެކަމަށް ވިދާޅުވި އެވެ.

” …މި އެކަޑަމީގެ ސަބަބުން ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ މިހާރު މި އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ކުރިއަރައިގެން ދާނެ. މި އެކަޑަމީގައި ކުރިއަށްދާނީ ހަމައެކަނި ފުޓްބޯޅަ ޓްރެއިނިންގ ދިނުމެއްވެސް ނޫން. މުޖުމަތަމައުއަށް ބޭނުންތެރި ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރެވޭނެ،” ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމް އިން މީގެ ކުރިން ވަނީ، އެކެޑަމީއަށް ކުދިން ހޮވުމަށް އެފްއޭއެމްގެ ކޯޗުންނާއި ޓެކްނިކަލް ބައެއް މުވަައްޒަފުން އަތޮޅުތެރެއަށް ގޮސް ކުދިން ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފައެވެ. އަދި އެކަޑަމީއަށް ގެންނަ ކުދިންގެ ކިޔެވުމުގެ ކަންތައްތައް ހަމަޖެއްސަނީ ހުޅުމާލޭގެ ސްކޫލްތަކުންނެވެ.

Leave a comment

Your email address will not be published.