Sat, 25 January, 2020, 9:40 am
ފޯކައިދޫ އަތުން ވިކްޓްރީއަށް ހަނި މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ވޯކައިދޫ އަތުން ހަނި ތަފާތަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. މިއަދުގެ މެޗުން ފޯކައިދޫގެ މައްޗަށް ވިކްޓްރީން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، ވިކްޓްރީ ކުޅުނު ފުރަތަމަ މެޗުން ބ. ފެހެންދޫ އަތުން ވަނީ އެއްވަރުވެފައެވެ. އަދި ލީގުގައި ފޯކައިދޫ ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މިއަދުގެ މެޗަށް ދެ ޓީމުން ނުކުތީ ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރު ކުރުމަށެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ފޯކައިދޫންނެވެ. ކުރިން ވީބީ ސްޕޯޓްސްއަށް ކުޅުނު ހަސަން ސުފިއާން ފޮނުވާލި އެ ހަމަލާ އަމާޒުވީ ވިކްޓަރީގެ ކީޕަރުގެ އަތަށެވެ.
ނަމަވެސް މެޗުގެ 22 ވަނަ މިނެޓުގައި ވިކްޓްރީން މެޗުގެ ލީޑް ނެގިއެވެ. އެ ޓީމަށް ކުޅޭ ތަޖިކިސްތާނުގެ ޑިފެންޑަރު ޗަކަލޯވް ފިރްދައުސް ނަގައިދިން ކޯނަރަކުން ވިކްޓްރީއަށް ލީޑް ނަގައިދިނީ ޑާލް ކިމް އެލްގާޑެވެ. އެ ދަނޑު އޭނާ ކާމިޔާބުކުރީ ނަގައިދިން ބޯޅަ، ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
އެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ވިކްޓްރީގެ ލީޑު ފުޅާކުރުމަށް އެލްގާޑަށް އިތުރު ފުރުސަތެއް ވެސް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހިލޭ ޖެހުން ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ވަނީ ދިފާއު ކޮށްފައެވެ.
މެޗުގައި ވިކްޓްރީން ލީޑު ނެގުމުން ދެން ފެނުނީ ފޯކައިދޫ އިން ފަހަތަށް ޖެހިގެން ކުޅެމުންދިޔަ ތަނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ފޯކައިދޫން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފޯކައިދޫގެ ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް ދިން ބޯޅައަކުން ފޯކައިދޫ އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ، މިދިޔަ ސީޒަނުގައި ޓީސީން ފެނުނު މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެވެ.
އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވަރުގަދައަށް ކުޅުނީ ފޯކައިދޫއެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ މުހައްމަދަށް ލަނޑުޖަހަން ލިބުނު ތިން ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލާ އަމާޒު ނުވި ނަމަވެސް، އަނެއް ހަމަލާ ވަނީ ވިކްޓްރީ ކީޕަރު ދިފާއުކޮށްފައެވެ.
މެޗުގައި ވިކްޓްރީން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 68 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) ޖަހައިދިން ލަނޑުންނެވެ. އައްމަޑޭ އެ ލަނޑު ކާމިޔާބުކުރީ ވިކްޓްރީގެ ސައިމަން ޓިބޯ ގޯލަށް ފޮނުވާލި ޝޮޓެއް، ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަތުގައި ޖެހި ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
އައްމަޑޭއަށް ވިކްޓްރީގެ ލީޑު ފުޅާކުރުމަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ނައްޓޭ ދިން ޕާސް އަކުން އައްމަޑޭ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ހަމަލާ އައްމަޑޭ ފޮނުވާލީ އޭރިއާ ތެރޭގައި ހުސްކޮށްހުރެފައެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ.

Leave a comment

Your email address will not be published.