Sat, 18 January, 2020, 2:31 pm
ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމް -- ފޮޓޯ: ގެޓީ
ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމް -- ފޮޓޯ: ގެޓީ
އިނގިރޭސީންނަށް ހިތްދަތި ނަތީޖާއެއް، ބެލްޖިއަމަށް ތިންވަނަ

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފިއެވެ.

ތިންވަނަ ހޮވުމަށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިނގިރޭސީން އަތުން ބެލްޖިއަމް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ބެލްޖިއަމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނާސޭ ޗޭޑްލީ ދިން ބޯޅައަކުން ބެލްޖިއަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުނިއޭއެވެ. އިނގިރޭސި ޕެނަލްޓީ އޭރިއާ ތެރެއިން މުނިއޭއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ވެސް ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ރޮމެލޫ ލުކާކޫ ދިން ބޯޅައަކުން އިނގިރޭސި ޕެނަލްޓީ އޭރިއާ ތެރެއިން ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު ޖޯޑަން ޕިކްފޯޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި އިނގިރޭސީންނަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާކަސް ރަޝްފާޑް ދިން ބޯޅައަކުން ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެރިކް ޑަޔާ ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ދިފާއުކުރީ ޑިފެންޑަރު ޓޮބޯ އަލްޑާވެރާލްޑެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ވެސް ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ބެލްޖިއަމްއެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެޑެން ހަޒާޑް ދިން ރީތި ބޯޅައަކުން އިނގިރޭސި ޕެނަލްޓީ އޭރިއާ ތެރެއިން މުނިއޭ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ކީޕަރު ޕިކްފޯޑެވެ.

އޭގެ ދެ މިނެޓުފަހުން ބެލްޖިއަމުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޑި ބްރޭނާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހަޒާޑެވެ.

ވޯލްޑް ކަޕް 2018ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:00ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ފްރާންސްއާއި ކްރޮއޭޝިއާއެވެ. މިއީ ކްރޮއޭޝިއާއިން ވޯލްޑް ކަޕް ފައިނަލެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

Leave a comment

Your email address will not be published.