

ސެޕްޓެމްބަރު މަހުގެ 4 އިން 15އަށް ބަނގުލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު، ގަތަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކޭމްޕް ކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަދައްކަވަމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ދަނޑަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
“ތަމްރީނުތައް ހެދުމަށް ކުޑަވަރެއްގެ ބަދަލުތަކެއް މިއައީ. ދަނޑުގެ ކަންތައްތަކާ ހުރެ. އެންމެ ރަނގަޅު ގޮތަކަށް ޓްރެއިން ހަދަން ބަލާ، ގަތަރުގައި ގައުމީ ޓީމު ފަރިތަކުރާ ގޮތަށް މި ނިންމީ،” އޭނާ ވިދާޅުވިއެވެ.
ޖަވާ ވިދާޅުވީ އަންނަ މަހު ހައެއް ހިސާބުގައި ގަތަރަށް ޓީމު ފުރާނެ ކަމަށާއި އޭރުން ފެށިގެން ޓީމު އެކޮޅުގައި ފަރިތަކޮށްފައި ރާއްޖެ ނައިސް ބަންގާޅަށް ދާނެ ކަމަށެވެ. އަދި ގަތަރުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަތަރު ކޭމްޕްއާ ގުޅޭގޮތުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނީ ގަތަރަކީ ޓީމަށް ރަނގަޅު މާހައުލަކަށް ވާނެ ކަމަށާއި ވަސީލަތްތައް ރަނގަޅުވުމުގެ އިތުރުން މުބާރާތުގެ ކުރިން ޓީމުގެ ކެއުމަށް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. އެ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލި އިރު، ރާއްޖެ ހިމެނެނީ ހަތް ފަހަރުގެ ޗެމްޕިއަން އިންޑިއާއާއި ސްރީލަންކާއާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝްއާއި ނޭޕާލާއި ބޫޓާން އަދި ޕާކިސްތާނެވެ.
