.
01 December 2018
މަޤްބޫލު ޙަބަރު

ދިރާގު ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ލީގްގެ ޗެމްޕިއަންކަން ކާމިޔާބުކޮށް ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް އެޓީމުން ހޯދީ ހުކުރު ދުވަހު ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ކުޅުނު މެޗު 4-4 އިން އެއްވަރު ވުމުން ނެވެ.

ޓީސީ އިން ލީގު ކާމިޔާބުކުރި އިރު އެޓީމު އޮތީ 39 ޕޮއިންޓްއާއިއެކު ޓޭބަލްގެ އެއްވަނައިގައެވެ. ހުކުރު ދުވަހުގެ ރޭ އީގަލްސް އަތުން މޮޅުވެ އިތުރަށް ތަފާތު ބޮޑުކުރުމުގެ ފުރުސަތު އެ ޓީމަށް އޮތް އިރު ހުކުރުދުވަހު ހަވީރު މާޒިޔާ އާއި ނިއުރޭޑިއަންޓް ބައްދަލުކުރިމެޗް މާޒިޔާއިން ކާމިޔާބުކުރިނަމަ ޓީސީ އަދި އީގަލްސް މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން ލީގް ހޯދުމުގެ ފުރުސަތު މާޒިޔާއަށް އޮތެވެ.

ޓީސީއަށް ބާކީ އެއްމެޗު އޮތްވާ ލީގް ޔަގީން ކުރެވުން ނަމަވެސް 35 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އީގަލްސް އަށް ރޭ މޮޅުވެ، މާޒިޔާ ފަހަތައް ޖައްސާލައި ދެވަނަ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މާޒިޔާ ދެވަނަ މަގާމުގައި އޮތީ 37 ޕޮއިންޓާ އެކު އެވެ. ހުކުރު ދުވަހ ހަވީރު ކުޅުނުު މެޗުން ހޯދި ޕޮއިންޓާއެކު ނިއު ލީގު ނިންމާލީ 28 ޕޮއިންޓާ އެކު ތިން ވަނާގައި އޮވެގެންނެވެ.

މެޗު ފަށައިގެން މާޒިޔާ ވަނީ ވަރަށް ފަސޭހަ ކަމާއި އެކު މެޗުގެ ލީޑް ހޯދައި މެޗު ކާމިޔާބު ކުރުމުގެ އުންމީދު ބޮޑުކޮށްފައެވެ. ފުރަތަމަ ގޯލް ނުވަ ވަނަ މިނެޓުގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހިއިރު 15 ވަނަ މިނެޓުގައި އަސަދުﷲ ވަނީ ދެވަނަ ގޯލް ޖަހައި މެޗުގެ އިތުބާރު އެޓީމަށް ހޯދައިދީފައެވެ. މާޒިޔާގެ ތިން ވަނަ ގޯލު 23 ވަނަ މިނެޓުގައި ނިއުގެ ގޯލްކީޕަރު ހަސަން އަބްދު ހަކީމް ކައިރިން ނައްޓާލައި ވަރަށް ފަސޭހަ ކަމާއި އެކު ކޮނޭލިއަސް ސްޓެވާޓް ޖަހައި ލީޑު އިތުރަށް ފުޅާކޮށްދިނެވެ.

ނިއުއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 36 ވަނަ މިނެޓުގައި އާމިރު ގުރުބާނީ ޖަހައިދިން ލަނޑުންނެވެ. ނިއުގެ ފުރަތަމަ ލަނޑާއެކު މާޒިޔާއަށް ހަމަޖެހި ނުލެވި އުޅެނިކޮށް ސެންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ހަމްޒާ މުހައްމަދު (ހަމްޕު) ނިއުއަށް އުންމީދު އާކޮށްދިނެވެ.

ފުރަތަމަ ހާފްގައި މާޒިޔާ އެއްލަނޑު ކުރީގައި އޮވެ، ނިމުނު ނަމަވެސް ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ގުރުބާނީ ކާމިޔާބުކޮށްދިން ލަނޑުން ނިއު ނަތީޖާ ހަމަކުރިއެވެ.

ނިއު އިން ނަތީޖާ ހަމަ ކުރުމުން ފަސޭހަކޮށްލައިގެން ތިބި މާޒިޔާގެ ކުޅުންތެރިން އިތުރަށް މަސައްކަތްކޮށް އަނެއްކާ ވެސް ލީޑު ހޯދިއެވެ. ނާއިޒް ހަސަން (ދާދު) ނެގި ކޯނަރަކުން އިސްމާއިލް އީސާ ބޮލުން ފޮނުވާލި ބޯޅަ އިން އެޓީމަށް ލީޑު ލިބުނު އިރު ދެވަނަ ފަހަރަށް ނަތީޖާ ހަމަކުރަން ނިއުއަށް ލިބުނު ޕެނަލްޓީ ސެންޓޭ ވަނީ ބޭކާރުކޮށްލާފައެވެ.

ނިއު އިން މި މެޗުން ޕޮއިންޓެއް ކަށަވަރު ކުރީ މާޒިޔާ އިން ލަނޑެއް ޖެހުމަށް ކުރިޔަށް އަރައި ކުޅެމުންދިޔަ ދަނޑިވަޅެއްގެ ފައިދާ ނަގައި 85 ވަނަ މިނެޓުގައި ހަސަން އަދުހަމް (ސަޑޭ) ދިން ބޯޅައަކުން އަހުމަދު އަތީގް ޖަހައިދިން ގޯލުންނެވެ.

haftha.mv ©