.
06 December 2018
މަޤްބޫލު ޙަބަރު

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ނުނިމެނީސް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ދަނޑު މައްޗަށް އަރާ އުފާ ފާޅުކުރި މައްސަލަގައި އިނގިރޭސި އެފްއޭ އިން އޭނާ އަށް އަދަބުދޭން ނިންމައިފިއެވެ.

ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ދުވެފައި ދަނޑު މައްޗަށް އަރާ އުފާ ފާޅުކުރަންފެށީ ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފަހު މިނެޓުގައި ޑިވޮކް އޮރީގީ ކާމިޔާބުކުރި ގޯލާއެކުއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ކްލޮޕް ދަނޑަށް އަރައި އެ ޓީމުގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އާއެކު އުފާ ފާޅުކުރުމުގައި ބައިވެރިވެފައިވާއިރު، މެޗަށް ފަހު ކްލޮޕް ވަނީ އޭނާ އަށް އެގޮތަށް ކަންތައް ކުރެވުނީ ޖަޒުބާތުގައި ޖެހުމުން ކަމަށާއި އެއީ އެވަޓަން އަށް އިހުތިރާމް ކުޑަކޮށް ކުރެވުނު ކަމެއް ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފައެވެ.

ނަމަވެސް، މެޗަށްފަހު އެވަޓަންގެ ކޯޗު މާކޯ ސިލްވާ ބުނެފައިވަނީ އޭނާގެ ކިބައިން ކްލޮޕް މައާފަށް އެދިފައިނުވާކަމަށެވެ. މީގެއިތުރުން، ސިލްވާ ބުނެފައިވަނީ އެ މެޗުގެ ފަހުވަގުތު ލަނޑެއް ކާމިޔާބުކޮށްގެން އެވަޓަން މޮޅުވިނަމަ އޭނާ ވެސް އެގޮތަށް ދަނޑު މައްޗަށް އަރައި އުފާ ފާޅުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ.

ކްލޮޕަށް ކުރެވުނު ކަންތަކަށް މެޗަށްފަހު އޭނާ މައާފަށް އެދިފައިވީނަމަވެސް، އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރީން ކްލޮޕް އެކަމަށް ޖަވާބުދާރިވާންޖެހޭނެ ކަމަށާއި އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

haftha.mv ©