Wed, 3 June, 2020, 5:11 pm
ފީފާގެ ކައުންސިލަށް ރާއްޖެއިން ވާދަ ކުރާ ކެންޑިޑޭޓެއްގެ ގޮތުގައި މާޔަން ނަން ހުށައަޅައިފި
0

ކުރިއަށް އޮތް ފީފާގެ ކައުންސިލް އިންތިހާބުގައި ރާއްޖެއިން ވާދަ ކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިން އެފްއޭއެމްގައި މަސައްކަތް ކުރެއްވި މާޔަން މުހައްމަދުގެ ނަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށައަޅައިފި އެވެ.

ޖުމްލަ 37 މެމްބަރުން ހިމެނޭ ފީފާ ކައުންސިލަށް މާޔަންގެ ނަން ހުށައަޅާފައިވަނީ އޭޝިޔާ އަށް ލިބިފައިވާ 7 ޖާގައިގެ ތެރޭގައި ހިމެނޭ އަންހެން މެމްބަރުގެ ގޮތުގައެވެ. އޭއެފްސީ އަށް މާޔަންގެ ނަން ހުށައެޅުމަށްޓަކައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިވަގުތު ވީ މެލޭޝިއާގައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑެތި ނިންމުންތައް ނިންމާ ފީފާ ކައުންސިލް ޗެއާ ކުރާނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. ކައުންސިލްގައި ދެން ހިމެނޭނީ އެކިއެކި ކޮންފެޑަރޭޝަން ތަކުން އިންތިހާބު ކުރެވޭ މެމްބަރުންނެވެ. އެގޮތުން ކޮންމެ ކޮންފެޑަރޭޝަނަކުންވެސް މަދުވެގެން އަންހެން އެއް މެމްބަރަކު އިންތިހާބު ކުރުން ފީފާއިންވަނީ ލާޒިމުކޮށްފައެވެ.

ހަތަރު އަހަރުގެ ދައުރަކަށް ފީފާގެ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރެވޭއިރު ތިން ދައުރަށްވުރެ ގިނަ މުއްދަތަކަށް ކައުންސިލްގައި އެއްވެސް މެމްބަރަކަށް މަސައްކަތް ނުކުރެވޭނެއެވެ.

2003 ވަނަ އަހަރުގެ ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރަކަށް އެފްއޭއެމާއި ގުޅުނު މާޔަން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އަންހެން ގައުމީ ޓީމަށް ކުޅުމުގެ އިތުރުން މާޔަން ވަނީ 2012 އިން 2014 އަށް ގައުމީ އަންހެން ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމްވެސް އަދާކޮށްފަ އެވެ.

މާޔަން ވަނީ 2014 ވަނަ އަހަރު އޭއެފްސީ ވިމެންސް ނެޝަނަލް ޓީމް ކޮމިޓީއަށް އިންތިހާބުވެފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އެފްއޭއެމްގެ ވިމެންސް ފުޓްބޯލް ޑިޕާޓްމަންޓްވެސް ހިންގާފައެވެ.