.
17 December 2018
މަޤްބޫލު ޙަބަރު

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ގޯލުކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން ކުޅޭ ހާއްސަ ފުޓްބޯޅް މެޗްގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމުގައިވާ ޑެންމާކުގެ ޕީޓާ ޝުމައިކަލް އަދި އަދި ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ގެންނަން ހަމަޖައްސައިފި އެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭ މި މެޗްގައި އިމްރާންގެ ޓީމަށް ކުޅޭނެ ކުޅުންތެރިންނާއި އޮފިޝަލުން ނިންމާނީ އިމްރާން އެވެ. އަދި އެފްއޭއެމްގެ ޓީމަށް ކުޅޭނީ ކުރިން ގައުމީ ޓީމަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މިހާރުވެސް ކުޅެމުންދާ ކުޅުންތެރިންނެވެ. މި މެޗްގައި ކުޅޭ ހާއްސަ ދެ ކުޅުންތެރިން ކަމުގައިވާ ސަލްގާޑޯ އާއި ޝުމައިކަލް ކުޅޭނީ އެފްއޭއެމްގެ ޓީމަށެވެ.

މިއަދު އެފްއޭއެމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ބުނީ ލަހުން ކުރެވުނުނަމަވެސް މިއީ ވަރަށް އުފާވެރި ވަގުތަކަށް ވެގެންދާނެ ކަމަށެވެ.

“މިކަން ތަންކޮޅެއް ލަހުން ކުރެވުނު ނަމަވެސް ވަރަށް ފުރިހަމައަށް ރޭވިގެން ކުރިއަށްދާ އިވެންޓަކަށް ވާތީ ބެލުންތެރިންނަށް ވަރަށް ފުރިހަމަ އިވެންޓަކަށް މި މެޗް ވެގެންދާނެ. އަދި ގައުމީ ޓީމަށް އަޅުގަނޑު ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް މި ކަމުގައި އަޅުގަނޑާއި ބައިވެރިވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.” 2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ބުންޏެވެ.

1999 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ރިޓަޔާކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު ގައެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީވެސް އިމްރާން އެވެ. އަދި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ރާއްޖެއިން ހޯދިއިރު ވެސް އިމްރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

haftha.mv ©