މުޙައްމަދު އިބްރާހިމް
19 December 2018
މަޤްބޫލު ޙަބަރު

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓް ހޯދައިފިއެވެ.

މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ތިންވަނަ ޑިވިޝަންގެ ފައިނަލުގައި ރޮކް ސްޓްރީޓުން އެ މުބާރާތް ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލަށް ދިއުމުން މި ދެ ޓީމަށް ވެސް އަންނަ އަހަރުގެ ދެވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެއެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މާ އެދެވޭ ހަމަލާއެއް ވެސް ދެ ޓީމަށް އުފެއްދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ ކޮޅު ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ.

ތިންވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރޮކް ސްޓްރީޓުގެ ކެޕްޓަން އަހުމަދު ނާހިލް އިބްރާހިމް އަށް ތަށި ހަވާލުކުރަނީ — ފޮޓޯ/ އެފްއޭއެމް

އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ރޮކް ސްޓްރީޓުގެ ހުސެއިން އަބްދުލް މަޖީދު ބޮލުން ޖެހި ބޯޅަ ކީޕަރު ތާޑޭ ފައިން މަތަކުރިއިރު، އޭގެ މިނެޓެއް ފަހުން ސުޕަ ޔުނައިޓެޑުގެ އަހުމަދު އަޝްރަފު އޭރިއާ ތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ނަމަވެސް މެޗުގެ 56 މިނެޓުގެ ތެރޭގައި ރޮކް ސްޓްރީޓުގެ ހުސެއިން އެ ޓީމަށް ލީޑު ނަގައިދިނެވެ. އަދި އެ ލީޑާއެކު ލިބުނު އުއްމީދުން މެޗުގެ 75 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ.

ރޮކް ސްޓްރީޓުގެ އިސްމާއިލް ނަސީމް ފޮނުވާލިި ބޯޅަ ކީޕަރު ތާޑޭ އަތުގައި ޖެހިފައި ލިބުނު ފުރުސަތުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން އަހުމަދު ނާހިލް އިބްރާހިމްއެވެ.

ގައުމީ ޓީމުގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ނާހިލް އަކީ، މިއަދު ނިމިގެންދިޔަ ތިން ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިއާވެސް މެއެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބުރު ސްޕޯޓްސް ކުލަބުގެ އަބްދުﷲ އަރުޝަންއެވެ. އަދި ފެއާޕުލޭ ޓީމަކަށް ހޮވުނީ ދަ ބޯ ސްޕޯޓްސް ކުލަބެވެ.

haftha.mv ©