.
22 December 2018
މަޤްބޫލު ޙަބަރު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވަނީ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިންނެވެ. ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވަނީ ބައްސާމެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައިއިދާރާ ފީފާގެ ރައީސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށާއި ، އެމަނިކުފާނުގެ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އާއި ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ފީފާ ކައުންސިލަށް އަދި އޭއެފްސީގެ އެކްސްކޯ އަށް ރާއްޖޭގެ ފަރާތުން ވާދަކުރައްވާ މަރިޔަމް މުޙައްމަދު (މާޔަން) އާ ބެހޭގޮތުން ވެސް ފީފާގެ ރައީސާއި އެކު މަޝްވަރާކުރެއްވި ކަމަށާއި އަދި މާޔަން އަށް ތާއީދު ކޮށްދެއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަރިހުން އެދިފައިވާނެ ކަމަށެވެ.

ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު ރާއްޖޭގެ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގަ ރާއްޖޭގެ ކްލަބްތަކަށް ގެއްލުމާއި ގުޅިގެން އެކަން ބެލުމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އަހުމަދު މަހުލޫފް ކޮމިޓީއެއް އެކުލަވާލުމާއި ގުޅިގެން ތިންވަނަ ފަރާތެއްގެ ނުފޫޒު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ނުފޯރުވުމަށް އޭއެފްސީން ވަނީ އެފްއޭއެމްއަށް އިންޒާރު ދީފައެވެ.

އޭއެފްސީ އިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އަށް އެޑްރެސްކޮށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެފްއޭއެމް އަކީ މިނިވަން ސަރުކާރުގެ ނުފޫޒުން ވަކިވެފައިވާ މުއައްސަސާއެއް ކަމަށާއި އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތި ހިންގަން ޖެހޭ މުއައްސަސާއެއް ކަމަށެވެ.

އަދި އެފްއޭއެމްގައި މިހާރު ހިނގަމުންދާ ކަންތައްތައް ކައިރިން ބަލަމުންދާ ކަމަށާއި ތިންވަނަ ފަރާތެއްގެ ނުފޫޒެއް ވަނުމަކީ އޭއެފްސީން އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

haftha.mv ©