.
24 December 2018
މަޤްބޫލު ޙަބަރު

ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ރާއްޖެ ސަސްޕެންޑް ވެދާނެފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރައްވާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޙަލީފާ އާއި ލަންޑަނުގައި އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ދިވެި ފުޓްބޯޅައިގެ ޚަބަރުގެނެސްދޭ އޮންލައިން ނޫހެއްކަމަށްވާ “މޯލްޑިވްސްފުޓްބޯލް” އަށް މަހްލޫފް ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑް ވެދާނެފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

“ފީފާއިން އެފްއޭއެމް ސަސްޕެންޑް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް އަދި އެފަދަ ކަމަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ.” މަހުލޫފް ވިދާޅުވިއެވެ.

“ފީފާގެ އަސާސީ ގަވާއިދާއި ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ދެން އަދި ފީފާ އާއި އޭއެފްސީގެ ލަފާއަށް އަބަދުވެސް މަރުހަބާ ކިޔާނަން. ފެކްޓް ފައިންޑިން ކޮމިޓީގެ މަސައްކަތް ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ކުރިއަށްދާނެ.” މަހުލޫފް ކުރެއްވި ޓްވީޓް ގައި ވިދާޅުވިއެވެ.

އެފްއޭއެމް އާއި ދިވެހި ސަރުކާރާއި ދެމެދު ހިޔާލު ތަފާތުވެފައިވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިފައިވާތީ އެކަން ބެލުމަށްކަމަށް ބުނެ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ފެކްޓް ފައިންޑިން ކޮމިޓީއެއް އެކުލަވާލުމުންނެވެ.

މިނިސްޓަރ މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމް އިން ވަނީ މިކަމުގައި އޭއެފްސީ އިން ދެކޭ ގޮތް ބެލުމަށް އެދިފައެވެ. އަދި އޭގެ ޖަވާބުގައި އޭއެފްސީން ވަނީ އެފްއޭއެމްގެ ކަމެއްގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެނޭވެކަމަށް ބުނެ އިންޒާރު ދީފައެވެ.

haftha.mv ©