މުޙައްމަދު އިބްރާހިމް
25 December 2018
މަޤްބޫލު ޙަބަރު

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ގޯލުކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން ކުޅޭ ހާއްސަ މެޗުގައި ބައިވެރިވުމަށް، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ރާއްޖެ އަތުވެއްޖެއެވެ.

އިމްރާންގެ ޝަރަފްވެރި ކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. އެ މެޗުގައި ސަލްގާޑޯގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމުގައިވާ ޑެންމާކުގެ ޕީޓާ ޝުމައިކަލް ވެސް ކުޅޭނެއެވެ. އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އިމްރާންގެ ޝަރަފްވެރި ކަމުގެ މެޗުގައި ޝުމައިކަލް އާއި ސަލްގާޑޯ ކުޅޭނީ، އިމްރާން ވެސް ހިމެނޭ ގޮތަށް އޭނާ އެކުލަވާލާފައިވާ ކުޅުންތެރިންގެ ޓީމާ ދެކޮޅަށެވެ.

އެ އިތުރުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެފްއޭއެމް މޯލްޑިވްސް ފުޓްބޯލް އެވޯޑް ހަފްލާގައި ވެސް ޝުމައިކަލް އާއި ސަލްގާޑޯ ބައިވެރިވާނެއެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް 111 މެޗް އިމްރާން ކުޅެފައިވާއިރު، ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިން ފަހަރާއި އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ މަގާމު ހޯދި ޓީމުގައި އިމްރާން އަދާކުރި މުހިއްމު ދައުރެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ހުއްޓާލީ އޭޝިއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށްފަހު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

haftha.mv ©