Thu, 28 May, 2020, 11:56 pm
ފެބްރިގާސް މޮނާކޯ އަށް ބަދަލުވެއްޖެ
0

ޗެލްސީއަށް ކުޅެމުން އައި ސްޕެއިންގެ މިޑްފިލްޑަރު ސެސްކް ފެބްރިގާސް، ފްރާންސްގެ ލީގު ވަންގެ މޮނާކޯއަށް ބަދަލުވެއްޖެއެވެ.

އާސިނެލްއަށް އެކުގައި ކުޅުނު ތިއެރީ އޮންރީ ކޯޗު ކޮށްދެމުން އަންނަ މޮނާކޯއަށް ފެބްރިގާސް ބަދަލުވެފައިވަނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މޮނާކޯއަށް ބަދަލުވުމަށްފަހު ފެބްރިގާސް ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައި އޭނާގެ ގެއަކަށް ވާނީ މޮނާކޯ ކަމަށާއި އެ އާ ޗެލެންޖެއް ފަށަން ކެތްމަދުވެފައިވާ ކަމަށެވެ.

ޗެލްސީއަށް 2014 ވަނަ އަހަރު ބަދަލުވި އުމުރުން 31 އަހަރުގެ ފެބްރިގާސް އެކުލަބާއެކު ހޭދަކުރި ހަތަރު އަހަރާއި ބައި އަހަރުގެ ތެރޭގައި އެ ކުލަބަށް 198 މެޗް ކުޅެދީ، އެ ކުލަބާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް އެއް ފަހަރު އުފުލާލައިފައެވެ.

ނަމަވެސް ފެބްރިގާސް ޗެލްސީ ދޫކޮށްލިއިރު މި ސީޒަނުގައި އޭނާއަށް ވަނީ އެ ކުލަބުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން އެއްކޮށް ގެއްލިފައެވެ.

ރެލިގޭޓް ވުމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މޮނާކޯއަށް ފެބްރިގާސް ބަދަލުވިއިރު، އެޓީމު މިވަގުތު އޮތީ ފްރެންޗް ލީގުގެ 17 ވަނައިގައެވެ.