މުޙައްމަދު އިބްރާހިމް
19 January 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ގޯލުކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން ކުޅުނު ހާއްސަ މެޗުން ލިބުނު ފައިސާ އިން ބަޔެއް ލޯފަން މީހުންގެ ޖަމިއްޔާއަށް ހަދިޔާކޮށްފިއެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، “ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޑް އޮފް މޯލްޑިވްސް” އަށް ހަދިޔާކުރީ ހާއްސަ މެޗަށް ވިއްކި ޓިކެޓުން ލިބުނު ފައިސާގެ ތެރެއިން 22475 ރުފިޔާއެވެ.

އިމްރާން ބުނީ، އޭނާގެ ކެރިއަރުގެ މުހިއްމު ކަމެއްގެ ނިމުން ފާހަގަކުރި މެޗުން ލިބުނު މާލީ ފައިދާއިން ބަޔެއް، އެހީއަކަށް ބޭނުންވެފައި ތިބި ބަޔަކަށް ހަދިޔާ ކުރެވޭތީ އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު އެ މެޗުގައި ވާދަކުރީ އިމްރާން ވެސް ހިމެނޭ ގޮތަށް އޭނާ އެކުލަވާލި ކުޅުންތެރިންގެ ޓީމަކާޢި އެފްއޭއެމްގެ ޓީމެކެވެ.

އެފްއޭއެމްގެ ޓީމުގައި އެހާރާއި މިހާރުގެ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމުގައިވާ ޑެންމާކުގެ ޕީޓާ ޝުމައިކަލް ވެސް ބައިވެރިވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތް އެ ޝަރަފުވެރި މެޗުގައި އިމްރާން ރަސްމީކޮށް ގައުމީ ޓީމާ އަލްވަދާއު ކީ ނަމަވެސް، އޭނާ ވަނީ އޭޝިއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށްފަހު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ.

ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ގައުމީ ޓީމުން ރިޓަޔާކުރިއިރު އޭނާ ވަނީ ގައުމީ ޓީމަށް 111 މެޗް އިމްރާން ކުޅެދީފައެވެ. އަދި ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިން ފަހަރާއި އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ މަގާމު ހޯދި ޓީމުގައި އިމްރާން އަދާކުރި މުހިއްމު ދައުރެވެ.

haftha.mv ©