މުޙައްމަދު އިބްރާހިމް
30 January 2019
މަޤްބޫލު ޙަބަރު

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ޑެނިސް ސުއަރޭޒް، އާސެނަލްއަށް ސޮއިކުރުމާ ގާތަށް ޖެހިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ބައެއް ނޫސްތަކުން ބުނީ، އުމުރުން 25 އަހަރުގެ ޑެނިސް އާސެނަލްއަށް ބަދަލުވާނީ ލޯނެއްގެ ދަށުން މި ސީޒަން ނިމެންދެންނެވެ. ނަމަވެސް އެޓީމާ ޑެނިސް ގުޅޭނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ކޮންޓުރެކްޓް ދާއިމީ ކުރެވޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

އާސެނަލްއަށް ޑެނިސް ގެންދިއުމާ ގާތަށް ޖެހިލާފައިވާއިރު، ޖަނަވަރީ ޓްރާންސާގެ ދޮރު ހުޅުވުނީއްސުރެ އާސެނަލްއިން ދިޔައީ ޑެނިސް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

މެންޗެސްޓާ ސިޓީން 2011 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ޑެނިސް ބާސާއާ ގުޅުނު ފަހުން އެ ކުލަބަށް 71 މެޗުވަނީ ކުޅެފައެވެ. އަދި އެކުލަބާއެކު ސްޕެނިޝް ލީގު އެއް ފަހަރު، ކޮޕާ ޑެލްރޭ ދެ ފަހަރު އަދި ސްޕެނިޝް ސުޕާ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ނަމަވެސް މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ އަށް ފަހަރުއެވެ.

ސެވިއްޔާ އަދި ވިޔަރެއަލްއަށް ވެސް ކުޅެފައިވާ ޑެނިސް އާސެނަލަށް ބަދަލުވާން ބޭނުންވާ އެންމެ މައިގަނޑު ސަބަަބަކީ ވެސް ބާސާއިން ފުރުސަތު ނުލިބުމެވެ. އަދި އޭނާ ދޫކޮށްލަން ބާސާގެ ރައީސް ވެސް ވަނީ ނިންމައިފައެވެ.

haftha.mv ©