މުޙައްމަދު އިބްރާހިމް
31 January 2019
މަޤްބޫލު ޙަބަރު

މެންޗެސްޓާ ޔުނައިޓެޑުން ފްރާންސްގެ ވިންގާ އެންތަނީ މާޝިއަލް އެ ކުލަބުގެ އިތުރު ފަސް އަހަރު މަޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކަން އަދި ޔުނައިޓެޑުން ހާމަނުކުރި ނަމަވެސް އުމުރުން 23 އަހަރުގެ މާޝިއަލްގެ ގާތް މަސްދަރަކާ ހަވާލާދީ އީއެސްޕީއެން އެފްސީގައި ބުނެފައިވަނީ، ލެއިސެސްޓާ ސިޓީއާ ދެކޮޅަށް އެޓީމުން އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން އެކަން އިއުލާން ކުރާނެ ކަމަށެވެ.

މާޝިއަލް ޔުނައިޓެޑާއެކު ސޮއިކުރާ އެ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރާ ހަމައަށް އޭނާ އެކުލަބުގައި މަޑުކުރާނެއެވެ.

މާޝިއަލް އިތުރު ފަސް އަހަރު ޔުނައިޓެޑުގައި މަޑުކުރަން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނާއިރު އެލެކްސިސް ސަންޗޭޒް ޔުނައިޓެޑާ ގުޅުނު ހިސާބުން ފުރަތަމަ އެގާރައިން ފުރުސަތު ލިބޭލެއް މަދުވެ، ހޫނު މޫސުމުގައި ކުލަބް ދޫކޮށް ދާން މާޝިއަލް އުޅުނު ކަމުގެ ކަންބޮޑުވުންތަކެއް އޮތެވެ.

އެގޮތުން ޔުނައިޓެޑުން ހުށަހެޅި ހުށަހެޅުންތަކެއް މާޝިއަލް ގަބޫލުކޮށްފައިނުވާއިރު، އެއްބަސްވުމަކަށް އާދެވިފައި މިވަނީ ގިނަ މަޝްވަރާ ތަކަކަށްފަހުއެވެ.

މޮނާކޯއިން، 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި މާޝިއަލް ވަނީ މިހާތަނަށް ޔުނައިޓެޑަށް 161 މެޗު ކުޅެފައެވެ.

އަދި މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ވެސް މާޝިއަލް ހިމެނިފައިނުވި ނަމަވެސް މި ސީޒަންގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިފަހުން ކުޅުނު 25 މެޗުގައި އޭނާ ވަނީ ޔުނައިޓެޑަށް 10 ގޯލު ކާމިޔާބު ކޮށްދީފައެވެ.

haftha.mv ©