މުޙައްމަދު އީމާން
03 February 2019
މަޤްބޫލު ޙަބަރު

ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ކާމިޔާބު ކޮށްދިން ހަމައެކަނި ގޯލާއެކު ނިއު ކާސަލްސްގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައަށް ޓޮޓެންހަމް ހޮޓްސްޕާސް ޖެހިލައިފިއެވެ.

ޓޮޓެންހަމް ވަގުތީ ގޮތުން ލީގުގެ ދެވަނައަށް ޖެހިލީ، ދެވަނާގައި ކުރިން އޮތް މެންޗެސްޓާ ސިޓީއަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ. އެގޮތުން ޓޮޓެންހަމްއަށް ކުޅުނު 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި ލިވަޕޫލް އޮތީ 24 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ.

އަދި ނިއުކާސަލް އޮތީ 24 ޕޮއިންޓާއެކު 15 ވަނައިގައެވެ.

މިރޭގެ މެޗުގެ ނިއު ކާސަލް އިން އޯގަނައިޒްކޮށް ފެނިގެންދިޔަ ނަމަވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ވެސް އުފެއްދީ ޓޮޓެންހަމުންނެވެ. އެގޮތުން މެޗުގައި ޓޮޓެންހަމް އިން 21 ޝޮޓް ހަދައި އޭގެ ތެރެއިން ހަތަރު ޝޮޓް ގޯލާ އަމާޒުކުރިއިރު ނިއުކާސަލް އަށް މެޗުގައި ހެދުނީ އެންމެ އަށް ޝޮޓެވެ.

މިރޭގެ މެޗުގައި ޓޮޓެއިންހަމް އިން ޖެހި ހަމައެކަނި ގޯލު ސޮން ކާމިޔާބު ކޮށްދިނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްއަށް ކުޅޭ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ސޮން ފޮނުވާލި ހަމަލާ ގޯލަށް ވަނީ، ނިއު ކާސަލްގެ ގޯލްކީޕަރުގެ ބަނޑު ދަށުންނެވެ.

މިއީ މިރޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނު، ސޮން އޭޝިއަން ކަޕުން އެނބުރި އައުމަށްފަހު ކުޅުނު ލީގުގެ ފުރަތަމަ މެޗެވެ. އޭޝިއަން ކަޕްގައި ދެކުނު ކޮރެއާއަށް ސޮން ދެ މެޗު ކުޅުނުއިރު އެ މުބާރާތާ ދެކުނު ކޮރެއާ އަލްވަދާއު ކިޔަން ޖެހުނީ ކުއާޓާގައި ޗެމްޕިއަން ގަތަރު އަތުން ބަލިވެގެންނެވެ.

ކެޕްޓަން ހެރީ ކޭން އާއި މިޑްފިލްޑަރު ޑެލީ އަލީ ވެސް އަނިޔާގައި ތިބެ މިރޭގެ މެޗުން ޓޮޓެންހަމް މޮޅުވިއިރު މިއީ އެ ޓީމުން ޖެހިޖެހިގެން ކާމިޔާބު ކުރި ތިން ވަނަ މެޗެވެ.

ޓޮޓެންހަމް އިން ޕްރިމިއާ ލީގުގައި ދެން ބައްދަލުކުރާނީ ލެއިސެސްޓާ ސިޓީއާއެވެ.

haftha.mv ©