މުޙައްމަދު އީމާން
12 February 2019
މަޤްބޫލު ޙަބަރު

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް ދިގު ދައްމާލަން އެ ޓީމުގެ އިތުރުބާރު ފުލްބެކް އޭޝްލީ ޔަންގް ނިންމައިފިއެވެ.

އެސްޓަން ވިލާއިން 2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުުނު ޔަންގް، 2020 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޔަންގްއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ.

ސަތާރަ މިލިއަން ޕައުންޑުގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވި އުމުރުން 33 އަހަރުގެ ޔަންގްއަކީ ޔުނައިޓެޑަށް އެންމެ ގިނަ ދުވަސްވަންދެން ކުޅެމުން އަންނަ އެއް ކުޅުންތެރިޔާއެވެ.

އެގޮތުން އެކުލަބާއެކު މިވީ އަށް އަހަރުގެ ތެރޭގައި 227 މެޗު ކުޅެދީ، ޔަންގް ވަނީ އެ ކުލަބާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް، ޔޫރަޕާ ލީގު އަދި ލީގް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑްގައި އިތުރު އެއް އަހަރު މަޑުކުރަން ޔަންގް ނިންމިއިރު، ޔުނައިޓެޑްގެ ފްރާންސް ވިންގާ އެންތަނީ މާޝިއަލް އާއި ޑިފެންޑަރު ފިލް ޖޯންސް އެ ޓީމާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށްވެއެވެ.

haftha.mv ©