މުޙައްމަދު އީމާން
12 February 2019
މަޤްބޫލު ޙަބަރު

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަމިއްލަ ޓީވީ ޝޯއެއް އުފައްދަން ނިންމައިފިއެވެ.

“އޮން ދަ ޓަޗްލައިން ވިތް ހޯސޭ މޮރީނިއޯ” ގެ ނަމުގައި އެ ފުޓްބޯޅަ ޝޯ ގެނެސްދޭން ހަމަޖެހިފައިވަނީ ރަޝިއާގެ ދައުލަތުން ފަންޑުކުރާ ޓީވީ ޗެނަލްއެއް ކަމަށްވާ އާރުޓީ ނުވަތަ ކުރީގެ ރަޝިއާ ޓުޑޭއިންނެވެ.

އެ ޗެނަލުން ބުނީ، އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ، މޮރީނިއޯ ހޯސްޓްކުރާ އެ ޝޯއިން ގެނެސްދޭނީ ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ އެނަލިސިސްތައް ކަމަށެވެ

އާރުޓީ ޗެނަލްގައި މޮރީނިއޯގެ އަމިއްލަ ފުޓްބޯޅަ ޝޯއެއް ހޯސްޓްކުރާއިރު، ރަޝިއާގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޕަންޑިޓް އެއްގެ ގޮތުގައި ވެސް އޭނާ ވަނީ އެ ޗެނަލަށް މަސައްކަތްކޮށްދީފައެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު މެއި މަހު ހަވާލުވި ޕޯޗުގަލްގެ ކޯޗު މޮރީނިއޯ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރީ، ޔުނައިޓެޑްގެ ނަތީޖާ ވަރަށް ބޮޑަށް ދަށްވުމައި ކުޅުންތެރިންނާއެކު އުފެދުނު މައްސަލަތައް ހައްލު ނުކުރެވި ދިއުމުންނެވެ.

“އަހަރެންގެ ކުރީގެ ކެރިއަރު ނިމުމުން އެންމެން ވެސް އަހަރެން ދެން ކުރާނެ ކަމަކާ ވިސްނި. އަހަރެން ބޭނުންވީ އާ ޗެލެންޖެއް. މީހުން ސަޕްރައިޒް ކުރުމަކީ އަހަންނަށް އާ ކަމެއް ނޫން،” ހުށަހަޅައިދޭ ޝޯގެ އިސްތިހާރެއްގައި މޮރީނިއޯ ބުނެފައިވެއެވެ.

ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން ފެންނަ އާރުޓީ ޗެނަލްގައި މޮރީނިއޯގެ އަމިއްލަ ޝޯއެއް ދައްކަން ފަށާއިރު އޭނާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުން އެންމެ ފުރަތަމަ މީޑިއާއެއްގެ ކުރިމައްޗަށް އަރާފައިވަނީ ގަތަރުގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ބެއިން ސްޕޯޓްސްގެ ޕަންޑިޓެއްގެ ގޮތުގައެވެ.

haftha.mv ©