މުޙައްމަދު އިބްރާހިމް
24 February 2019
މަޤްބޫލު ޙަބަރު

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ހެޓްރިކާއެކު، ފަހަތުން އަރައި ބާސާއިން ސެވިއްޔާ ބަލިކޮށްފިއެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ހެދި 50 ވަނަ ހެޓްރިކެވެ.

ލަ ލީގާގައި ބާސާއާއި ސެވިއްޔާ ރޭ ކުޅުނު ވާދަވެރި މެޗުން ބާސާ މޮޅުވީ 2-4ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ބާސާއިން މިހާރު އޮތީ 10 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ބާސާއަށްވުރެ މެޗެއް މަދުން ކުޅެފައިވާ އެތްލެޓިކޯ މެޑްރިޑަށް ލިބުނު 47 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިން ވަނައިގަ އޮތް ރެއާލް މެޑްރިޑަށް ލިބެނީ 45 ޕޮއިންޓެވެ. އެއީ ކުޅުނު 24 މެޗުންނެވެ.

ވާދަވެރި ކުޅުމަކާއެކު ގިނަ ފައުލްތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސެވިއްޔާއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ސެވިއްޔާއަށް ލީޑު ނަގައިދިނީ ކުރިން ސިޓީއަށް ކުޅުނު ސްޕެއިންގެ ވިންގާ، ޖީސަސް ނަވާސްއެވެ.

ނަމަވެސް އެ ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓް ނުވެ، ސެވިއްޔާއިން ބާސާއަށް ބަދަލުވި ރަކިޓިޗް ނަގައިދިން ހުރަހަކުން މެސީ ގޯލެއް ކާމިޔާބުކޮށް ބާސާއިން ނަތީޖާ ހަމަހަމަކުރިއެވެ.

މެޗުގެ ނަތީޖާ އަނބުރާ ލުމަށް ބާސާއަށް ގިނަ ފަހި ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ގެބްރިއަލް މެރްކާޑޯގެ ގޯލާއެކު ސެވިއްޔާއިން ދެވަނަ ފަހަރަށް ލީޑު ނެގުމެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެވިއްޔާއަށް ލީޑު ފުޅާކުރުމުގެ ފުރުސަތުވެސް ލިބުނެވެ. ނަމަވެސް ގޯލުގެ ކަނާތް ފަރާތުގައި ހުރެ ސިމޮން ކެޔޯގެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

ފުރަތަމަ ހާފެކޭ ވެސް އެއްގޮތަށް ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ބާސާއިން ސެވިއްޔާގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއެވެ.

ނަމަވެސް މެޗުގެ އޮއިވަރު ބަދަލުކޮށްލީ އާޖެންޓީނާގެ ތަރި މެސީއެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި މެސީ ކާމިޔާބު ކޮށްދިން ގޯލާއެކު މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަވުމުންނެވެ.

ޑެންބެލޭ ދިން ބޯޅައަކުން މެސީ އެ ގޯލު ކާމިޔާބުކުރީ ސެވިއްޔާގެ ޕެނަލްޓީ އޭރިއާގެ މެދުގައި ހުރެ ކަނާތު ފައިން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މެސީގެ ރީތި ގޯލަކާއެކު އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ބާސާއަށް މެޗުގައި ފުރަތަމަ ލީޑު ނަގައިދިނެވެ. އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލްކީޕަރު ގައިމަތިން ޗިޕް ކޮށްލައިގެންނެވެ. މެޗުގައި ބާސާއިން ޖެހި ހަތަރު ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ސުއަރޭޒްއެވެ.

ރޭގެ މެޗުގައި އުމުރުން 31 އަހަރުގެ މެސީ ހެދި ހެޓްރިކާއެކު އޭނާގެ ކެރިއަރުގައި މިހާތަނަށް ވަނީ 650 ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން 65 ގޯލަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން ގޯލެވެ.

haftha.mv ©