.
04 March 2019
މަޤްބޫލު ޙަބަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއާއި އެވަޓަން ބައްދަލުކުރި މެޗް 0-0 އިން އެއްވަރުވެ ލީގު ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުޞަތު ލިވަޕޫލުން ގެއްލުވާލައިފިއެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. ސަލާހު ފޮނުވާލި ދެ ހަމަލާވެސް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ އެންޑްރޫ ރޮބަޓްސަން ނަގައިދިން ހިލޭޖެހުމަކުން ހޮލެންޑް ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަރަށް ހަނި އޭންގަލަކުން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެވަޓަން އަށް ލީޑް ނަގުމަށް ރަނުގެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޑޮމިނިކް ކެލްވަޓް-ލުވިން އަށް ލިބުނު މި ފުރުޞަތުގެ ބޭކާރުކޮށްލީ ލިވަޕޫލްގެ ހުނަރުވެރި ގޯލްކީޕަރު އެލިސަން ބެކާ އެވެ.

އޭގެފަހުން ލިވަޕޫލްގެ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އަށް ވަނީ ލަނޑުޖެހުމަށް ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެލެގްޒެންޑާ އާނޯލްޑް ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރު ޕިކްފޯޑް މަތަކުރިއިރު އޮރީގީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބާންލޭއާ ދެކޮޅަށް ނިކުންނައިރު ހޮނިހިރު ދުވަހު ކުޅޭ މެޗުގައި އެވަޓަން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.

ލީގު ތާވަލަށް ބަލާއިރު މެންޗެސްޓާ ސިޓީ ތާވަލުގެ އެންމެ ކުރީގައި އޮތީ 29 މެޗުން 71 ޕޮއިންޓް އެކުއެވެ. އަދި ދެވަނައިގައި ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ އޮތީ 29މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 29މެޗުން 58 ޕޮއިންޓެވެ.

haftha.mv ©