Sun, 23 February, 2020, 3:57 pm
ރެއާލްގެ ވިނިސިއަސް ޖޫނިއާ އަށް އަނިޔާވެ، ދެ މަހަށް ކުޅުމާ ދުރަށް!

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަޔަކްސްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އެޓީމުގެ ޒުވާން ފޯވާޑް ވިނިސިއަސް ޖޫނިއާއަށް ލިބުނު އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ދެ މަހަށް ކުޅުމާ ދުރަށް ދާންޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެ ވަނަ ލެގްގައި ނެދަލެންޑްސްގެ އަޔަކްސްއާ ވާދަކޮށް ރެއާލް ބަލިވީ ބޮޑު ތަފާތަކުންނެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި އަޔަކްސް އަތުން ރެއާލް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ރެއާލުން މުބާރާތުން ކަޓައިގެން ދިޔައިރު، އެ މެޗުގެ ފުރަތަމަ ހާފުގައި އުމުރުން 18 އަހަރުގެ ވިނިސިއަސް އަށް އަނިޔާވެ ބާލަންޖެހުނެވެ. އޭނާ ދަނޑުމަތިން ފައިބައިގެން ދިޔައީ ވެސް ފެންކަޅިވެ ހުރެއެވެ.

ވިނިސިއަސްއަށް ލިބުނު އަނިޔާއާ ގުޅިގެން ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ، އޭނާގެ ކަނާތު ފައިގެ ކުޅަހުޅުގެ ލިގަމެންޓް ވީދިގެން ގޮސްފައިވާ ކަމަށެވެ.

ބްރެޒިލްގެ ފްލަމެންގޯއިން ރެއާލްއަށް ބަދަލުވި ވިނިސިއަސް، މި ސީޒަނުގައި ރެއާލްއަށް 28 މެޗު ވަނީ ކުޅެފައެވެ.