މުޙައްމަދު އިބްރާހިމް
07 March 2019
މަޤްބޫލު ޙަބަރު

ޕީއެސްޖީއަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ނޭމާ އަށްވުރެ އެ ޓީމުގެ ހަލުވި ވިންގު އޮސްމާނޭ ޑެމްބެލޭ މާ ރަނގަޅު ކަމަށް ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެއެވެ.

ބާސާގެ ރައީސް އެހެން ވިދާޅުވެފައި މިވަނީ، 2017 ވަނަ އަހަރު ބާސާ ދޫކޮށް 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއާ ގުޅުނު ބްރެޒިލްގެ ފޯވާޑް އެނބުރި ބާސާއަށް ބަދަލުވެދާނެ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ސްޕެނިޝް ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ބާޓޮމެއާ ވަނީ އެކަމާ ގުޅިގެން ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވައިފައެވެ. އަދި ބާސާ އިން އަލުން ނޭމާ ގަނެދާނެތޯ ސުވާލު ކުރުމުން ވިދާޅުވީ، “އާ އެކޭ ވެސް ނުވަތަ ނޫނެކޭ ނުބުނާނެ” ކަމަށެވެ.

ނަމަވެސް ނޭމާ ވިއްކާލުމަށްފަހު ލިބުނު ފައިސާއިން ބާސާއިން ޑެމްބެލޭ އަދި ބްރެޒިލްގެ ޒުވާން މިޑްފިލްޑަރު ކޯޓީނިއޯ ގަތުމަކީ ބާސާއިން ހެދި ސްޕޯޓިން ބެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“ނޭމާއަށްވުރެ ޑެމްބެލޭ ރަނގަޅު. އޭނާ އެހެރީ ބާސާގައި އަދި އޭނާ މާ ރަނގަޅު،” ނޭމާ ނެތްތަން ފޫބެއްދުމަށް އެ ޓީމަށް ގެނައި 21 އަހަރުގެ ޑެމްބެލޭއަށް ތައުރީފުކޮށް ބާސާގެ ރައީސް ވިދާޅުވެފައިވެއެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ފްރެންޗް ވިންގާ ޑެމްބެލޭ ބާސާއަށް ގެނައީ 105 މިލިއަން ޔޫރޯގެ އަގަކަށެވެ.

ބާސާގެ ރައީސް ޑެމްބެލޭއަށް ތައުރީފުކުރިއިރު، އޭނާ ބާސާއަށް ގެނައުމުން ވެސް ތަޖުރިބާކާރުން ވަނީ އޭނާ އަކީ ނޭމާ ނެތްތަނަށް ކުޅުވަން މި ވަގުތު ލިބެން ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިއާ ކަމަށް ބުނެފައެވެ.

haftha.mv ©