މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ވާތު ބެކް، ޖޯޑީ އަލްބާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފިއެވެ.

ބާސާއެކު ވެފައިވާ އެއްބަސްވުން އާކުރުމަށްފަހު އަލްބާ ބުނީ، އުއްމީދަކީ އޭނާގެ މިސާލުން މިސާލު ނަގައިގެން ބާސާގެ ތަރި ލިއޮނަލް މެސީ ވެސް ދިގު މުއްދަތަކަށް އެ ކުލަބުގައި މަޑުކުރުން ކަމަށެވެ.

”އުއްމީދަކީ އަހަރެން މިތަނުގައި ހުރިހާ ދުވަހަކު މެސީ ވެސް ހުރުން. މެސީއާއެކު އަހަރެންގެ ވަރަށް ރަނގަޅު އަންޑަސްޓޭންޑިންއެއް އެބައޮތް. އޭނާއާއެކު އަަހަންނަށް ކުރިއެރުންތަކެއް އައިސްފި. އަހަރެންގެ އުއްމީދަކީ މެސީ ބާސެލޯނާގައި ދިގު އަހަރުތަކެއް ވަންދެން ހުރުން،“ ރިޕޯޓަރުންނަށް އަލްބާ ބުނެފައިވެއެވެ.

ބާސާއާއެކުވި އާ އެއްބަސްވުމާ ގުޅޭގޮތުން އަލްބާ ބުނީ، އޭނާ މިވަގުތު މިހުރީ ކެރިއަރުގެ އެންމެ ރަނގަޅު ހިސާބުގައި ކަމަށާއި ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

”ބާސެލޯނާގައި ހުރުމަކީ ހަމަގައިމުވެސް އަހަރެންގެ ހުވަފެން. އަހަރެންގެ އާއިލާ އޮތީ މިތަނުގައ. އެމީހުންގެ ސަޕޯޓް. ފޭންސް އަދި ޓީމްމޭޓްސް. އަހަންނަކަށް ހިއެއް ނުވޭ އިތުރު ތަނެއްގައި އަހަރެން އުފަލުގައި ހުންނާނެ ހެންނެތް،“ އަލްބާ ބުނެފައިވެއެވެ.

ވާތު ވިންގެއްގެ ގޮތުގައި ބާސެލޯނާގެ ޔޫތް ރޭންކުން ފުޓްބޯޅަ ކެރިއަރު ފެށި ސްޕެއިންގެ ޑިފެންޑަރު އަލްބާ އަކީ 2005 ވަނަ އަހަރު ކުރު ކަމުން އެ ޓީމުން ފޮނުވާލި ކުޅުންތެރިއެކެވެ. އޭގެ ފަހުން އަލްބާ ގުޅުނީ އަވަށްޓެރި ކޮނެލާއަށެވެ.

އެ ކުލަބުގައި ދެ އަހަރު މަޑުކުރުމަށްފަހު 6000 ޔޫރޯއަށް އޭނާ ވެލެންސިއާއަށް ބަދަލުވެ، ފުޓްބޯޅަ ތައުލީމު ފުރިހަމަ ކުރިއެވެ.

އަލްބާގެ ޕްރޮފެޝަނަލް ކެރިއަރު ފެށުމަށްފަހު އެނބުރި ބާސާއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ 14 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި މިވީ އަހަރުތަކުގައި އަލްބާ ވަނީ ބާސާއަށް 284 މެޗު ކުޅެދީ 14 ގޯލު ކާމިޔަބު ކޮށްދީފައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©