.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކްލަބް އީގަލްސްގެ ފޯވާޑްލައިންގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރިޒުވާން (ރިޒޭ) އެ ކްލަބުގައި މި އަހަރުވެސް މަޑުކުރާގޮތަށް ނިންމައި އެއްބަސްވުން އާކޮށްފިއެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ކެރިއަރު ފަށައި 2014 ވަނަ އަހަރުގައި އީގަލްސް އަށް ބަދަލުވެ ރިޒޭ ވަނީ އެ ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އަދި އޭގެފަަހުން، 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން އެ ޓީމު މޮޅުވެ ޝީލްޑް އުފުލާލިއިރު އެ މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީވެސް ރިޒޭ އެވެ.

ނިމިދިޔަ ސީޒަނަކީ ރިޒޭ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ސީޒަނެވެ. އެގޮތުން، މިދިޔަ ސީޒަނުގައި އޭނާ ވަނީ 33 ލަނޑުޖަހައި، މިދިޔަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ އެއްވަރުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ އީގަލްސްއާއެކު މިދިޔަ އަހަރުގެ މާލޭ ލީގުގެ ދެވަނަ އަދި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމް ހޯދައިފައެވެ.

ވޭތުވެދިޔަ އަހަރު ތަކުގައި މޮޅުކުޅުމެއް ދެއްކި ނަމަވެސް އެންމެ ފަހުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުން ވެސް ރިޒޭ އަށް ޖާގަ ނުލިބުނެވެ. އޭނާ އަށް މިދިޔަ އަހަރު ގައުމީ ޓީމުން ޖާގަ ލިބުނީ ނޮވެންބަރުމަހުގައި މެލޭޝިއާގެ ގައުމީ ޓީމާ ދެކޮޅަށް އެގައުމުގައި ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ.

ރިޒޭގެ އިތުރުން އީގަލްސްގައި މި ސީޒަނުގައި މަޑުކުރުމަށް ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި ޒުވާން ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނާ) ހިމެނެއެވެ. ނިމިގެންދިޔަ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އީގަލްސް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ހަންނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އީގަލްސް އަށް ބަދަލުވި ކުޅުންތެރިންގެ ތެރޭގައި ނިމިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި ހިސާމް ސަލީމް (ކޮކީ) ހިމެނެއެވެ. މީގެއިތުރުން، މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އީގަލްސްއާއެކު ހަދާފައިވާ އެއްބަސްވުން އާކުރާނެކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©