މުޙައްމަދު އިބްރާހިމް
13 April 2019
މަޤްބޫލު ޙަބަރު

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި އޭނާއަށް އެނބުރި ކުޅުމަށް އައުމަކީ އުދަނގޫ ކަމެއް ކަމަށް އެ ކުލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އިންގުލެންޑުގެ ކެޕްޓަން ހެރީ ކޭންއަށް އަނިޔާވީ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހު ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ 58 ވަނަ މިނެޓުގައެވެ. އަނިޔާއަށްފަހު ވަގުތުން ކޭން ބޭލިއިރު، އޭނާގެ ބަދަލުގައި ކުޅެން އެރުވީ ލޫކަސް މޯރާއެވެ.

މި ސީޒަންގައި 24 ގޯލު ކާމިޔާބު ކޮށްދީފައިވާ ކޭންއާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ޕޮޗެޓީނޯ ބުނީ، މެޗަށްފަހު ކޭން ހުރީ ދެރަވެފައި ކަމަށާއި އެއީ އޭނާއަށް އުދަނގޫ ވަގުތު ކޮޅެއް ކަމަށެވެ.

ނަމަވެސް އަނިޔާއިން ވީހާވެސް އަވަހަށް ރަނގަޅުވެ އެނބުރި ކުޅުމަށް އައުމަށް ކޭން އުއްމީދު ކުރާ ކަމަށާއި އޭނާއަކީ “ޕޮޒިޓިވް” މީހެއް ކަމަށް ކޯޗު ބުނެފައިވެއެވެ.

“ސީޒަންގައި ބާކީ އޮތީ ފަސް ހަފްތާ. ވަރަށް އުދަނގޫވާނެ. އަންނަ ހަފްތާގައި ކޭން ސްޕެޝަލިސްޓަކަށް ދައްކާނެ. އޭނާ ވީހާވެސް އަވަހަކަށް ރަނގަޅު ކުރުމަށް އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. ނަމަވެސް ކޭން ރަނގަޅުވާން ސީޒަންގައި ބާކީ އޮތީ ފަސް ހަފްތާ،” ޕޮޗެޓީނޯ ބުނެފައިވެއެވެ.

ކޭންއަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުރިއިރު ޕްރިމިއާ ލީގުގައި ޓޮޓެންހަމް އޮތީ ހަތަރު ވަނައިގައެވެ. އެއް މެޗު އިތުރަށް ކުޅެގެން ޓޮޓެންހަމްއަށްވުރެ ދެ ޕޮއިންޓް ކުރީގައި އޮތީ ޗެލްސީއެވެ. އަދި ފަސްވަނާގައި އޮތީ އާސެނަލްއެވެ.

ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް ހޮޓްސްޕާއިން ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމްގެ އާ ދަނޑުގައި ކުޅުނު އެ މެޗުގައި ޓޮޓެންހަމްއިން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ މެޗްގެ 78 ވަނަ މިނަޓްގައި އެޓީމަށް ކުޅޭ ސައުތު ކޮރެއާގެ ސަންއެވެ.

ދެވަނަ ލެގުގައި ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރާނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ. އެ މެޗު ކުޅޭނީ ސިޓީގެ އެޓިހާޑް ސްޓޭޑިއަމްގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©