މުޙައްމަދު އީމާން
14 April 2019
މަޤްބޫލު ޙަބަރު

ސްޕެނިޝް ލަލީގާގެ ފުލުގައި އޮތް ހުއެސްކާ ކައިރިން، އެއްވަނާގައި އޮތް ބާސެލޯނާ އެއްވަރު ވެއްޖެއެވެ.

ރަށުން ބޭރުގައި ބާސާއިން މިރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ފެނިގެންދިޔައީ ބާސާގެ މެލްކޮމް އުފެއްދި ހަމަލާއެވެ. ނަމަވެސް އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިރޭގެ މެޗަށް ބާސާއިން ނުކުތްއިރު، އަންނަ ހަފްތާގެ އަންގާރަ ދުވަހު މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ހޯމްގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގަށް ވިސްނާފައިވާކަން ފާހަގަކުރެވުނެވެ.

އެގޮތުން ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން ފުރަތަމަ 11ގައި އާންމުކޮށް ކުޅެން ނުކުންނަ ހަ ކުޅުންތެރިން މިރޭގެ މެޗަށް ރެސްޓުދީ ބެންޗުގައި ވެސް ހިމަނާފައެއް ނުވެއެވެ. ފުރަތަމަ ލެގު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި އަނިޔާގައި ހުރުމަށްފަހު އެނބުރިއައި އުސްމާން ޑެމްބޭލޭ ވަނީ ފެނިގެންގޮސްފައެވެ. ނަމަވެސް މެޗުގެ 67 ވަނަ މިނެޓުގައި އޭނާ ވަނީ ބާލާފައެވެ. އޭނާގެ ބަދަލުގައި ދެން ކުޅެން އެރުވީ ކޫޓީނިއޯއެވެ.

ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޑެމްބެލޭ ފެނިގެންދާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©